ޓެރެރިޒަމަށް ވާގިވެރިވަނީ ކޮން ހިސާބަކުން ފެށިގެންކަން ދެނެގަންނަން އެބަ ޖެހޭ: އާމިރު

އޭޕްރިލް 15، 2019: ރައްޖިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޓެރެރިޒަމަށް ވާގިވެރިވަނީ ކޮން ހިސާބަކުން، ކޮން ކަމަކުން ފެށިގެންތޯ ދެނެގަންނަން އެބަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ޓެރެރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން އާމިރު ވިދާޅުވީ މި ގައުމުގައި ޓެރެރިޒަމްގެ މައްސަލަތައް ކުރިއަރައިގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

އާމިރު ވިދާޅުވީ ހުރިހާވެސް މައްސަލަ އަކީ ގައުމުގައި އުފެދެމުން މިއަންނަ ބޮޑެތި އިޖުތިމާއީ މައްސަލަތައް އުފެދުމުގެ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ.

"ހުރިހާވެސް މައްސަލަ އަކީ އިޖްތިމާއީ ބޮޑެތި މައްސަލަތައް އުފެދުމުގެ ފުރުސަތު ރާއްޖޭގަ އޮތްކަން. އޭގެ ތެރެއިން ޓެރެރިޒަމްވެސް އުފެދެނީ. އޭގެ ތެރެއިން ނަފުރަތުވެސް އުފެދެނީ. އޭގެ ތެރެއިން ހުރިހާ ޖަރީމާއެއްވެސް އުފެދެނީ،" އާމިރު ވިދާޅުވިއެވެ.

މެމްބަރު އާމިރު ވިދާޅުވީ ފުލުހުންނަށް ބާރެއް ދީފި ނަމަ އެ ބާރެއްގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ނަމަވެސް ގައުމުގައި އޮތް ޓެރަރިޒަމްގެ ބިރުވެރިކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އޮތީ ނޮވެމްބަރު ތިނެއްގައި އުފެދުނު ބިރުވެރި ކަމުގެ ހާލަތުގައި ކަށާއި އަޅުގަނޑުމެން އެ ހާލަތުން އަރައިގަންނަން ޖެހޭ ކަމަށެވެ.

"މި ބާވަތުގެ ކަންކަމާ ދުރާލާ އަޅުގަނޑުމެން ތިން ބާރު އެކުލެވިގެންވާ މުޅި ދައުލަތް އިށީނދެގެން ކޮބައިތޯ އަސްލު މައްސަލަ އަކީ ދެނެގަންނަން އެބަ ޖެހޭ،" އާމިރު ވިދާޅުވިއެވެ.

މެމްބަރު އާމިރު ވިދާޅުވީ ބާރާއި އިހްތިޔާރުތައް ދޭންވީ ހަމައެކަނި ޓެރެރިޒަމަށް ނޫން ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރަން ހަރުދަނާ ގާނޫނެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައި އާމިރު ވިދާޅުވީ އެ މައްސަލަ އިންސާފުވެރި ކަމާއެކު ބަލައި ކުށްވެރިވާ ފަރާތް ތަކަށް ހަރުކަށި އަދަބުދޭން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް