161 ކެފޭ, ރެސްޓޯރެންޓަކަށް ލޯނު ދޫކުރިން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 161 ކެފޭ، ރެސްޓޯރެންޓަކަށް ކޮވިޑް ރިލީފް ލޯނު ދޫކުރެވިފައި ވާނެކަމަށް އިމޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރިލީފް ލޯނުގެ ގޮތުގައި ކެފޭ، ރެސްޓޯރެންޓްތަކަށް ދޫކޮށްފައި ވަނީ ޖުމްލަ ފަސް ލޯނު ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވާތީ، އެކަން ދޮގުކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ޖުމްލަ 161 ކެފޭ، ރެސްޓޯރެންޓަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަސް ފަރާތަކަށް ދޫކުރި ލޯނާއި އެސްއެމްއީ ބޭންކުން 156 ފަރާތަކަށް ދޫކުރި ލޯނު ހިމެނޭކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ، ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުގެ ތެރޭގައި ފަސް ކެފޭ، ރެސްޓޯރެންޓަކަށް ދޫކުރި 16 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން އެސްއެމްއީ ބޭންކުން 156 ކެފޭ، ރެސްޓޯރެންޓަކަށް 33 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ގެ ތެރޭގައި މާލެ ސަރަހައްދުގެ 90 ކެފޭ، ރެސްޓޯރަންޓް ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮވިޑް ރިލީފް ލޯންގެ ގޮތުގައި ބީއެމްއެލް ގެ އެހީގައި 357 މިލިއަން އާއި 585 މިލިއަން ގެ ލޯނެއް މެދު އަދި ބޮޑެތި ފަންތީގެ ވިޔަފާރިތަކަށް ދޫކުރެވިފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެސްޑީއެފްސީ ކޮވިޑް ރިލީފް ފަންޑްގެ އެހީގައި 2200 ފަރާތަކަށް 363 މިލިއަން ރުފިޔާ ދެވިފައި ވާނެ ކަމަށެވެ.

އޭގެ ތެރޭގައި ގާތްގަނޑަކަށް 1519 ވިޔަފާރިއާއި 685 އަމިއްލަ ކުންފުނި ހިމެނޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ދަތިވާ އެއް ކަމަކަށް ވެފަ އޮތީ، ބޮޑެތި ރަހުނުތަކާއެއްޗެހި ނުކޮށް، ވިޔަފާރުކުރަން ފައިސާލިބޭގޮތެއް ނެތިފައި އޮތުން. އެގޮތުން އުފެދުނު އެސްޑީއެފްސީއިން މިއަދާ ހިސާބަށް 765 ފަރާތަކަށް 1 ބިލިއަނާ ކައިރިކުރާ އަދަދަކަށް ލޯނު ވަނީ އެޕްރޫވް ކުރެވިފައި. އަދި އޭގެ ތެރެއިބް 524 މިލިއަން ރުފިޔާ ވަނީ އެ ފަރާތްތަކަށް ދޫކުރެވިފައި،" ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމުން ބޭންކުގެ އާއްމު އުސޫލުންނާއި އަދި ކޮވިޑް ރިލީފް ލޯންގެ ގޮތުގައި ދޫކުރެވިފައިވާ ރުފިޔާގެ އަދަދު ޖުމުލަ 1.3 ބިލިއަން އަށް އަރާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް