މާލޭ މަގު ހެދުމުގެ މަޝްރޫއު ހުއްޓާލާފައެއް ނޯންނާނެ: މުއިއްޒު

ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓީ/ ސިޓީ ކައުންސިލް

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއު އަށް، ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭތީ، އެ މަޝްރޫއު މަޑުޖައްސާލާފައިވާކަމަށް ދެކެވޭ ވާހަކަތައް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެެވެ.

އެ މަޝްރޫއުއާ ގުޅޭގޮތުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އިއްޔެ ވިދާޅުވީ ހެންވޭރު އަދި މައްޗަންގޯޅި މަގުތަކުގެ މަސައްކަތް ހުއްޓިފައި ވާ ސަބަބު އޮޅުން ފިލުވުމަށް އެ ދާއިރާތަކުގެ ކައުންސިލަރުން އެ ކުންފުންޏާ ބައްދަލުކުރި ކަމަށެވެ. އަދި އެ މަޝްރޫއު މިވަގުތު ހުއްޓާލާފައިވަނީ މާލޭގެ އާ މޭޔަރު ޑރ. މުއިއްޒު ބޭނުންވާ ގޮތަށް މަޝްރޫއުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭތީ ކަަމަށް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަން ދޮގުކުރައްވައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ މަގުތައް ހެދުމުގެ މަޝްރޫއު ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމަށާއި، މަސައްކަތް މަޑުޖެހިފައިވަނީ ބައެއް މަގުތައް ހެދުމަށް ބަދަލުތަކެއް ގެންނާތީ އެ ބަދަލުތަކަށް ބޭނުންވާ ތަކެތި އޯޑަރުކޮށްފައިވާ ސެގްމެންޓުތަކުގެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް މަޝްރޫއު ބައްޓަން ކޮށްގެން. އެގޮތުން ބޭރުމަގު ރިންގު ރޯޑު ރަނގަޅު ފެންވަރެއްގަ ތާރު އެޅުމާއި، މައި އާޓަރީ ރޯޑްސްތައް ނޫނީ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަކީ އެކަމަށް ލިބިފައިވާ ބަޖެޓުގެ ތެރެއިން އެންމެ އެދެވޭ ގޮތުގަ އެކަން ކުރުންކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އޭރުން ގިނަ ރައްޔިތުންނަށް ފަސޭހަވެ ޓްރެފިކަށް ފަސޭހަވެ، އާންމު ދިރިއުޅުމަށް ފަސޭހަވެގެން ދާނެ," މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މިހާރު ފެށިފަވާ މާފަންނު ހުޅަނގުގެ ސެގްމަންޓު، އަދި ހެންވޭރުގެ އުތުރު ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް އާރުޑީސީ އަށް ދަންނަވާފަ ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރަށް އެތެރޭގެ މަގުތައްވެސް ހަމަޖެހިފައި އޮތް އުސޫލުން ހަދަމުންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ތާރު އެޅިގެން ހެދޭ މަގުތައް ހެދުމާ އޭގެ ފަހުން އެތެރޭގެ ބައެއް މަގުތައް ހެދުން ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެއްވެސް އިރަކު އެ މަޝްރޫއު ހުއްޓާލާފައެއް ނޯންނާނެ. މިދެންނެވި ބަދަލުތަކާ އެކީ. އެއީ އެބޭފުޅުން ތަކެއްޗަށް އޯޑަރުކޮށްފަ ހުރީމަ، އެތަކެތި އޯޑަރުދީފަވާ ދެ ސެގްމަންޓު. މާފަންނު ހުޅަނގާއި ހެންވޭރު އުތުރު ސެގްމެންޓުގެ މަސައްކަތް ކުރިއަށްގެންދަން ވާނީ ދަންނަވާފަ," މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް "މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް"ގެ ނަމުގައި ހާއްސަ މަޝްރޫއުއެއް ފަށާފައި ވަނީ މިިދިޔަ އަހަރު ފެބްރުއަރީ މަހުއެވެ. އެ ޕްރޮޖެކްޓުގެ ދަށުން މާލޭގެ އިތުރު މަގުތަކެއް ތަރައްގީކުރުމަށް މަޝްރޫއުގެ ދެވަނަ ސެގްމެންޓުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެކު ސޮއިކޮށްފައިވަނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ދައުރުގައެވެ.

https://sun.mv/153686

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް