ދެކުނު އޭޝިއާ ގައުމުތަކުގެ ވޯކް ޕާމިޓް ހޯލްޑަރުންނަށް ޝަރުތުތަކަކާ އެކު ރާއްޖެ އާދެވޭނެ

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނު އޭޝިއާ ގައުމުތަކުން ވޯކް ޕާމިޓު ހޯލްޑަރުންނަށް އަނެއްކާވެސް ރާއްޖެ އައުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނުކުރެއްވި ގޮތުގައި ޖުލައި މަސް ފެށުމުން ކަނޑައެޅޭ ހާއްސަ އުސޫލުތަކެއްގެ މަތިން ވޯކް ޕާމިޓު ހޯލްޑަރުންނަށް ރާއްޖެ އާދެވޭނެ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުން ވޯކް ޕާމިޓު ހޯލްޑަރުން ރާއްޖެ އައުމަށްފަހު ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް19ގެ ހާލަތު ގޯސްވެ، ބަލި ފެތުރުން ހަލުވިވެފައިވާތީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން އައުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޓޫރިސްތު ވިސާ ދިނުން މެދުކަނޑާލީ މޭ 13 ވަނަ ދުވަހުއެވެ.

ރައީސް މިއަދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ސައުތު އޭޝިއާގެ ކޮވިޑްގެ ހާލަތަށް ބެލުމަށްފަހު، ސައުތު އޭޝިއާގެ ޓޫރިސްޓުންނަށް ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައިވާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މިވަގުތަށް ނިންމާފައި ވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކުރީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އިންޑިއާއިން ފެތުރެންފެށި ކޮވިޑް19 ގެ ޑެލްޓާ ވޭރިއަންޓް ހަލުއިކަމާއެކު ފެތުރެން ފެށުމުންނެވެ.

މޭ މަހުގެ ތެރޭގައި ރާއްޖޭގައިވެސް ވަރަށް ހަލުއިކަމާއެކު ކޮވިޑް19 ފެތުރި, ގިނަ ބަޔަކު ޕޮޒިޓިވްވެ 89 މީހަކު މަރުވިއެވެ. މި މަހުގެ ތެރޭގައި އެޗްޕީއޭއިން ހާމަކުރި ގޮތުގައި ރާއްޖޭގައި ކޮވިޑް19 ޑެލްޓާ ވޭރިއަންޓުވެސް ދަނީ ފެތުރެމުންނެވެ.

comment ކޮމެންޓް