މިހާރު ކުރިއަށްދާ ޔޫރޯ މުބާރާތުގެ ގަދަ 16ގައި ވަރުގަދަ ފްރާންސް ބަލިކޮށް ސްވިޒަލޭންޑުން ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިވަގުތު ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ފްރާންސް އަތުން ސްވިޒަލޭންޑް ކުރި ހޯދީ 3-3ގެ ނަތީޖާއަކުން މެޗު އެއްވަރުވުމާ ގުޅިގެން ޖެހި ޕެނަލްޓީގައި 5-4 އިން ކުރި ހޯދައިގެންނެވެ. މިއީ 67 އަހަރު ތެރޭ ސްވިޒަލެންޑުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ކުއާޓާ ފައިނަލެއްގައި ކުޅުނީ 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.
ޔޫރޯ މުބާރާތުގެ މަރުގެ ގުރޫޕުން އެއްވަނައިގެ ގޮތުގައި އައި ފްރާންސް މުބާރާތުން ކެޓި އިރު، އެ ޓީމު މިދިޔަ ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވީ އިތުރު ވަގުތު ކުޅެގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެެއް ފެނުނު އިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ސްވިޒަލޭންޑުންނެވެ. ސްޓީވެން ޒުބާ ނަގައިދިން ހުރަހަކުން އެ ޓީމަށް އެ ގޯލު ޖަހައިދިނީ ހަރީސް ސެފެރޯވިޗް އެވެ.
ފްރާންސަށް އެ ހާފުގައި ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ދެވަނަ ހާފުގެ ކުރީކޮޅު ސްވިޒަލޭންޑަށް ވަނީ ލީޑު ފުޅާ ކުރަން ރަނުގެ ފުރުސަތެެއް ލިިބިފަ އެވެ. އެގޮތުން 55 ވަނަ މިނަޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ރިކާޑޯ ރޮޑްރީގުއެޒް ފޮނުވާލި ނަމަވެސް ފްރާންސްގެ ކީޕަރު ހިއުގޯ ލޯރިސް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
އެއަށްފަހު ދެން ޖެހިގެން އައި ފަސް މިނަޓުގެ ތެރޭގައި ފްރާންސުން ވަނީ މަތިމައްޗަށް ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެ ދެ ގޯލަކީ ވެސް ކަރީމް ބެންޒެމާ ޖެހި ދެ ގޯލެވެ.
ފްރާންސްގެ ދެ ގޯލާ އެކު އެ ޓީމުން ކުޅުން ރަނގަޅުކޮށް ހަމަޖެހިލައިގެން ކުޅެ ޕޯލް ޕޮގްބާގެ ހިތްގައިމު ގޯލަކުން ލީޑު ފުޅާ ކުރި އެވެ. އެކަމަކު މެޗު ނިމެންދަނިކޮށް ސެފެރޯވިޗްއާއި މާރިއޯ ގަވްރަނޯވިޗްގެ ގޯލުތަކުން ސްވިޒަލޭންޑް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތު ފްރާންސުން ލީޑު ނެގުމާ ގާތަށް ޖެހިލި އިރު، ކިންގްސްލީ ކޯމަން ފޮނުވާލި ހަމަލާ އަމާޒުވީ މަތީ ދަނޑިއަށެވެ.
ނަތީޖާ ހަމަހަމަ ވުމުން ޖެހި ޕެނަލްޓީގައި ސްވިޒަލޭންޑުން ފަސް ޕެނަލްޓީ ކާމިޔާބު ކުރި އިރު، ކިލިއަން އެމްބާޕޭގެ ނާކާމިޔާބުވި ޕެނަލްޓީއާ އެކު ފްރާންސަށް ޖެހުނީ ހަތަރު ގޯލެވެ.
މި މެޗުން މޮޅުވި ސްވިޒަލޭންޑް ކުއާރޓާގައި ވާދަކުރާނީ މިރޭ ކުރިން ކުޅުނު މެޗުން މޮޅުވި ސްޕެއިނާ އެވެ.