ޖުލައި 15 އާ ހަމައަށް މޯލްޑިވިއަން އިން ޑާކާ އަށް ދަތުރު ނުކުރާނެ

މޯލްޑިވިއަންގެ ފްލައިޓެއް ހޯރަފުށީ އެއާޕޯޓުގައި ---- ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖެއާއި ޑާކާ އާ ދެމެދު ކުރަމުން އައި ދަތުރުތަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލާފައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ރާއްޖެއާ ޑާކާ އާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލުމަށް އޭރު މޯލްޑިވިއަން އިން ނިންމީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިއަދު މޯލްޑިވިއަން އިން ބުނީ ޑާކާ ދަތުރުތައް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައި އޮތް އޮތުން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން ޑާކާ އަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ބަނގުލަދޭޝް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ ޕަސެންޖާ ފްލައިޓުތައް އެ ގައުމަށް ދިއުމާ ފުރުން މަނާކުރުމުގެ ސަބަބުން ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ކޮވިޑް 19 ގެ ކޭސްތައް ގިނަވުމުގެ ސަބަބުން ބަންގްލަދޭޝް އިން މީގެ ކުރިންވެސް އެ ގައުމަށް ކުރާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތައް ވަނީ ހުއްޓާލާފަ އެވެ.

comment ކޮމެންޓް