ޔޫއެފާ ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވޭލްސް ކޮޅަށް ޖެހި ހަތަރު ގޯލާ އެކު ޑެންމާކު ކުއާރޓާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ނެދަލެންޑްސްގެ އަމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗުން ޑެންމާކު ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުއާޓާގެ ޖާގަ ޑެންމާކުން ހޯދި އިރު، މިއީ 17 އަހަރަށްފަހު މި މުބާރާތުގެ މިހިސާބަށް އެ ޓީމު ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ޑެންމާކުން އެންމެ ފަހުން ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކް އަތުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޑެންމާކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަންއަށް ދިމާވި ކުއްލި ސިއްހީ މައްސަލައަށްފަހު އެ ޓީމުން އުނދަގޫ ހާލަތެއްގައި އޮވެ ކުޅުނު ނަމަވެސް މޮޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ. ޑެންމާކް މި ފަަހަރުގެ ކުއާޓާ ފައިނަލުގައި ކުޅޭނީ ޗެކް ރިޕަބްލިކާއި ނެދަލެންޑްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔައީ ވޭލްސް އެވެ. އެގޮތުން 15 މިނިޓްގައި ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް އޭރިއާބޭރުން ޖެހި ދެ ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އެއަށްފަހު ވެސް ބޭލް ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތިން ދިޔަ އިރު، ޑެންމާކުން ވަނީ ހާފުގެ މެދަކާ ހަމައިން ކުޅުން ރަނގަޅުކޮށްފަ އެވެ.
އެގޮތުން ޑެންމާކުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާގައި މެޗުގެ 27 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު ޖެހީ ކެސްޕާ ޑޯލްބާގް އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑޮލްބާގު ވަނީ ދެވަނަ ހާފު ކުރީކޮޅު ޑެންމާކުގެ ލީޑު ފުޅާ ކޮށްދީފަ އެވެ. އެހެން ނަމަވެސް އެ ގޯލު ޖެހުމުގެ ކުރިން ވޭލްސްގެ ކުޅުންތެރިއަކަށް ފައުލު ކުރި ކަމަށް ބުނެ ރެފްރީއަށް ގިނަ ފާޑުކިޔުންތައް ވޭލްސްގެ ޓީމުން އަމާޒުކުރި ނަމަވެސް ވީއޭއާރުން ވަނީ އެ ގޯލު ރަނގަޅު ކަމަށް ނިންމާފަ އެވެ.
ޑެންމާކުގެ ތިންވަނަ ގޯލު ޖަހައިދިނީ ޔޮއަކީމް މޭލާ އެވެ. އެއަށްފަހު އިތުރު ވަގުތުގައި ޑެންމާކުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް މާޓިން ބްރެއިތުވެއިޓް އެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ 12:00 ގައި ބައްދަލުކުރާނީ އިޓަލީ އާއި އޮސްޓްރިއާ އެވެ.