ފިލްމު "ހެހެސް"ގެ ފަސްޓްލުކް އާންމުކޮށްފި

ހެހެސް ފިލްމް ޕޯސްޓަރު ---

ދިވެހިންގެ ތެރޭގައި މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ކުރިޔަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހެހެސް"ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

ރާއްޖޭގެ މަޝްހޫރު އެކްޓަރު އަހްމަދު ނިމާލްގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމަކީ ބޮޑު ކާސްޓެއް އެކުލެވިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. "ހެހެސް"ގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންނަށް ކާމިޔާބު ފިލްމު ތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި އަލީ ޝާނީޒް މުހައްމަދެވެ.

ފިލްމުގެ ޝޫޓިން އެއްކޮށް ނިމިފައިވާ މި ފިލްމުގެ ފަސްޓްލުކް އާންމުކުރިއިރު ވަނީ ފިލްމު މިއަހަރު ރިލީޒްކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް މި ފިލްމު ސްޓްރީމްކުރާއިރު ފިލްމު ދައްކާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި ފިލްމަކީ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްކްރީން ޕްލޭއެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ޔޫއްޕެ ހިމެނޭ އިރު ދެން އެ ފިލްމުން ފެންނާނީ އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި"އިން މުހިންމު ރޯލަކުން ފެނިގެންދާނެ ޝިޔާ އެވެ.

އަދި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ދެ މޫނު ކަމަށްވާ އިބްރާހިމް ޖިހާދުއާއި އަލީ އާޒިމް (ދޮން އައްޔަ)ވެސް ފެނިގެންދާނެ އެވެ.

މި ފިލްމު ޕްރޮމޯޓްކުރަނީ "އިން ފަހަނައެޅި އިޝްގް"ގެ ހޭޝްޓެގް އާއެކުގަ އެވެ. މި ފިލްމަކީ ލޯބީގެ ތަފާތު ވާހަކައެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ.

comment ކޮމެންޓް