އައިއޭއީއޭ އާއެކު ނިއުކްލިޔާ އެޑިޝަނަލް ޕްރޮޓޮކޯލްގައި ސޮއިކުރަން އީރާން ބޭނުމެއްނުވޭ

އީރާންގެ ރައީސް ހަސަން ރޫހާނީ

ތެހެރާން (މޭ 26): އީރާނުގެ ނިޔުކްލިޔާ މަރުކަޒުތަށް ބަލައި ފާސްކުރުމާބެހޭގޮތުން "އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ" (އައިއޭއީއޭ) އާއެކު ސޮއިކޮށްފައިވާ އެޑިޝަނަލް ޕްރޮޓޮކޯލްގެ މުއްދަތު މިމަހުގެ 24 ގައި ހަމަވެފައިވާ ކަމަށ އެޕްރޮޓޮކޯލް އަލުން އައު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް އީރާނުން ބުނެފިއެވެ.

"އައިއޭއީއޭ" އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ދާއިމީ މަންދޫބު ޤާސިމް ގަރީބު އާބާދީ ވިދާޅުވީ އެޑިޝަނަލް ޕްރޮޓޮކޯލް ގައި އަލުން ސޮއިކުރުމަށް އެދި "އައިއޭއީއޭ" އިން އީރާނަށް ހުށަހަޅާފައިވާ ކަމަށާ ނަމަވެސް އެހުށަހެޅުމަށް އިޖާބަދިނުމަށް އީރާން ގަސްދުނުކުރާ ކަމުގައެވެ. އެޑިޝަނަލް ޕްރޮޓޮކޯލް އަކީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނައަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން އީރާން ސޮއިކުރި ޕްރޮޓޯކޯލް އެކެވެ.

މި ޕްރޮޓޯކޯލް ބިނާވެފައިވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ ތެރެއިން ޔޫރޭނިއަމް ފައްކާކުރާ މަރުކަޒުތަކުގެ ހަރަކާތްތައް "އައިއޭއީއޭ" ގެ އިނިސްޕެކްޓަރުން ރެގިއުލާކޮށް އެކި ދުވަސްވަރު ބަލައި ފާސްކުރާ ކުރުމުގެ އިތުރުން އެތަންތަނުގައި ކެމެރާތައް ހަރުކޮށްގެން ޔޫރޭނިއަމްއާބެހޭ ހަރަކާތްތައް ވަގުތުން ވަގުތަށް ބެލުމުގެ މައްޗަށެވެ. މި ހަރުކަށި ޕްރޮޓޮކޯލްގައި އީރާނުން ސޮއިކުރީ އީރާނާ ދެކޮޅަށް އެމެރިކާއާ އަދި އދ. ންވެސް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނިއުކްލިޔާ އެއްބަސްވުމުގެ ސަބަބުން އުވާލައި އީރާނަށް ބޮޑެތި ލުއިތަކެއް އެ އެއްބަސްވުމުގެ ސަބަބުން ލިބޭތީއެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނައަހަރު އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް އެމެރިކާ އަމިއްލައަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފައެވެ. ނަމަވެސް އދ. މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ.

މިދެންނެވި އެޑިޝަނަލް ޕްރޮޓޮކޯލްގެ މުއްދަތު ފުރަތަމަ ހަމަވީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަސްވަރު، އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑެން ގެ ސަރުކާރުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އަލުން ރުޖޫއަވެ އީރާނާ ދެކޮޅަށް ޓްރަމްޕް ގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަޝްވަރާތައް އީރާނާއި އެމެރިކާއާ ދެމެދު ފެށުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާތީ އެ މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން އީރާންވަނީ އެޑިޝަނަލް ޕްރޮޓޮކޯލްގެ މުއްދަތު މިދިޔަ މޭ މަހުގެ 22 ން މި ޖޫންމަހުގެ 24 އަށް ދަންމާލުމުގެ ވަގުތީ އެއްބަސްވުމެއްގައި "އައިއޭއީއޭ" އާއެކު ސޮއިކޮށްފައެވެ.

ނަމަވެސް އެޑިޝަނަލް ޕްރޮޓޮކޯލްގެ މުއްދަތު ދެވަނަ ފަހަރަށް ހަމަވިއރުވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަ ވުމުގެ މައްސަލަ އަދިވެސް ހައްލުނުވެ މަޝްވަރާތައް ވަނީ ދިގުލައިގެންދާގޮތް ވެފައެވެ. އެހެންކަމުން އީރާން މިފަހަރު މިވަނީ އެޑިޝަނަލް ޕްރޮޓޮކޯލްގައި އަލުން ސޮއިކުރުމަށް ފަސްޖެހިފައެވެ. މިގޮތަށް އީރާން މިނިންމީ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތިކޮށް ބާރުއެޅުމުގެ ގޮތުންކަމަށް ވަނީ ބެލެވިފައެވެ.

ނަމަވެސް ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ އެޑިޝަނަލް ޕްރޮޓޮކޯލްގައި އަލުން ސޮއިކޮށްފާނެ ކަމުގެއިޝާރަތެއް އީރާނުންވަނީ ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް