ހައެއް މެއި ހަމަލާގެ އިންކުއަރީއަށް އިލްޔާސް ލަބީބު ހާޒިރުކޮށްފި

އިލްޔާސް ލަބީބު 241 ކޮމިޓީއަށް ހާޒިރުކުރުން -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދައަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ހުރި ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފަ އެވެ.

އިންކުއަރީއަށް އިލްޔާސް ހާޒިރުކުރި އިރު، ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ލިބިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސަމާލުކަމަށް ގެންނެވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިލްޔާސް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމަށް މީހެއްގެ ފަރާތުން މައުލޫމާތު ލިބުމުން، އެ މައުލޫމާތު ވަގުތުން ރައީސް ނަޝީދާ ހިއްސާކުރެއްވި ކަމަށެވެ.އަދި ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން، ލިބިފައިހުރި މައުލޫމާތުގެ ތަފްސީލް މިނިސްޓަރު މާރިޔާއަށް ދެއްވިކަމަށެވެ.

އިލްޔާސް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ތަހުގީގަށް ދޭންޖެހޭ މައުލޫމާތާއި އެއްބަރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ.

އިންކުއަރީގައި ބަލާ ކަންތައްތައް:

  • ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން
  • ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން
  • ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން
  • ފައިނޭންސް އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
  • ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.
comment ކޮމެންޓް