މޯދީ ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވާފަ -- ފޮޓޯ: އޭޕީ

ދިއްލީ (ޖޫން 25): އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލި ފަހުން ފުރަތަމަ ފަހަރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަޝްމީރުގެ ލީޑަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ލީޑަރުންނާއެކު ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމަށް ފަހު މޯދީ ވިދާޅުވީ އެއީ އެ ސަރަހައްދުގެ ކުރިއެރުމަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ޖައްމޫ އެންޑް ކަޝްމީރުގެ ސިޔާސީ ލީޑަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމަކީ އެއީ ތަރައްގީވެ، ކުރިއަރާފައިވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް މުހިއްމު ފިޔަވަޅެއް،" މޯދީ ވިދާޅުވި އެވެ.

މޯދީއާ ބައްދަލު ކުރެއްވި ލީޑަރުން ވިދާޅުވި ގޮތުގައި އެބޭފުޅުން ވަނީ ކަޝްމީރަކީ ވަކި ސްޓޭޓެއްގެ ގޮތުގައި އަނެއްކާވެސް ކަނޑައަޅާ، އެ ސަރަހައްދުގެ ކަންތައްތައް އަމިއްލައަށް ބެލެހެއްޓުމަށް މީގެ ކުރިން ދީފައި އޮތް ބައެއް ބާރުތައް އަލުން ދިނުމަށް އެދިފަ އެވެ.

"އަޅުގަނޑުމެން ދެންނެވިން ފަހެއް އޮގަސްޓު 2019 ގައި ނިންމި ނިންމުންތަކަށް އަޅުގަނޑުމެން ތާއިދު ނުކުރާކަން،" ކަޝްމީރުގެ ނެޝަނަލް ކޮންފަރެންސް ޕާޓީގެ ލީޑަރު އުމަރު އަބްދުﷲ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ކަޝްމީރުގެ މައްސަލަ ކޯޓަށް ހުށަހަޅަން ވަނީ ނިންމާފަ އެވެ.

އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް އޮގަސްޓު 2019އިގައި ހެދި އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ.

އެ ބަދަލު ގެނައުމުގެ ކުރިންނާއި ފަހުން އިންޑިއާއިން ކަޝްމީރުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރު ކުރި އެވެ. އަދި ހައްޔަރުކޮށް، ގޭބަންދުގައި ބޭތިއްބި މީހުންގެ ތެރޭގައި އެ ސަރަހައްދުގެ ލީޑަރުންވެސް ހިމެނުނެވެ.

comment ކޮމެންޓް