ލަންކާ ސުޕްރީމް ކޯޓުން މަރަން ހުކުމް ކުރި ކުރީގެ އެމްޕީއަށް ރައީސް މާފު ދެއްވައިފި

ދުމިންދަ ސިލްވާގެ މަައްޗަށް މަރުގެ ދައުވާ ސާބިތުވެ، އޭނާ މަރަން ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވޭ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޖޫން 25): ސްރީލަންކާގެ ސުޕްރީމް ކޯޓުން މަރަން ހުކުމްކޮށްފައިވާ ކުރީގެ ޕާލިމެންޓު މެމްބަރު ދުމިންދަ ސިލްވާއަށް ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މާފު ދެއްވައިފި އެވެ.

ލަންކާގެ ކޮލަމްބޯ ޕޭޖު ނޫހުގައިވާ ގޮތުން އެގައުމުގެ ޖަލުތަކާ ބެހޭ ޑިޕާޓްމެންޓުގެ ތަރުޖަމާނު ޗަންދަނާ އެކަނަޔަކަ ވަނީ ސިލްވާއަށް ރައީސް މާފު ދެއްވާފައިކަން ޔަގީންކޮށްދެއްވާފަ އެވެ. އަދި އިއްޔެ އޭނާ ވަނީ ޖަލުން ދޫކޮށްލާފަ އެވެ.

ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ގޯޓާބަޔަ ހުންނެވި ދުވަސްވަރު އޭނާގެ އަރިސް ބޭފުޅަކަށްވެ ވަޑައިގެންނެވި ސިލްވާ ޕާލިމެންޓަށް އިންތިހާބުވީ 2010އިގަ އެވެ. އެއީ މަހިންދަ ރާޖަޕަކްސަވެސް އޭރު ހުންނެވި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫއެންއެފްޕީ)ގެ ފަރާތުން ވާދަ ކޮށްގެންނެވެ.

ނަމަވެސް ޖެހިގެން އައި އަހަރުގެ ލޯކަލް ގަވަމެންޓު އިންތިހާބުގެ ކެމްޕޭން ތެރޭގައި ހިނގި ހަމަލާ ބަދަލު ކުރުންތަކެއްގައި ކުރީގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ ބަރުތާ ލަކްޝްމަން ޕްރެމަޗަންދުރާ އާއި އޭނާއަށް ތާއިދު ކުރި ތިން މީހަކު މަރުވި އެވެ. އަދި ބަޑީގެ ހަމަލާތައް ދިން އެ ހަމަނުޖެހުމުގައި ސިލްވާ އިސް ދައުރެއް އަދާ ކުރިކަން ސާބިތުވެ، އޭނާ މަރަން ހައި ކޯޓުން 2016އިގައި ހުކުމް ކުރި އެވެ. އަދި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން 2018އިގައި ހައި ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ.

ސިލްވާގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފައި ވަނިކޮށް އޭނާ މިނިވަން ކުރުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ކުރީގެ ޕާލިމެންޓު މެމްބަރަކު މެރި ކަމަށް ސާބިތުވެފައިވާ މީހަކަށް ރައީސް މާފު ދެއްވާ، މިނިވަން ކުރުމަކީ ގާނޫނީ ވެރިކަމަށާއި ޒިންމާދާރު ކުރުވުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެފަ އެވެ.

ސިލްވާ މިނިވަންކޮށްފައި ވަނީ ލަންކާއަށް ބުދު ދީން ތައާރަފް ކުރި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައީސް ބައެއް ގައިދީންނަށް މާފު ދެއްވާ ދުވަހެއްގަ އެވެ. އެގޮތުން ސިލްވާގެ އިތުރުން 92 މީހަކަށް މާފު ދެއްވާފައިވެ އެވެ. އޭގެ ތެރޭގައި ދައުވާއަކާ ނުލައި ހައްޔަރުކޮށްފައި ތިބި 16 ތަމަޅަ ޓައިގަރުންވެސް ހިމެނެ އެވެ.

comment ކޮމެންޓް