ޓޫރިޒަމަށް ހުޅުވާލި ހަތް ރަށަކަށް 13 ބީލަން ހުށަހަޅައިފި

ތ. ކަނިމީދޫ -- ފޮޓޯ: ތ. އެޓޯލް/ފޭސްބުކް

ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް އިން ވަނީ ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 16 ރަށެއް، ރަށްތަކުގެ ކްލަސްޓާ ވެސް ހިމެނޭހެން ފަތުުރުވެރިކަމަށް ހުޅުވާލައިފަ އެވެ.

އެ ރަށްތަަކަކީ:

ހއ. ވެލިފިނޮޅު
ހއ. އަލިދުއްފަރު ފިނޮޅު
ހދ. ކުޑަފަރު ފަސްގަނޑު
މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު
މ. މާއުސްފުށި
ތ. ކާއްޑޫ –
ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު)
ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު)
ލ. ކަށިދޫ
ލ. ބޮޑުމުންޏަފުށި
ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) –
ގއ. މާރެހާ
ގއ. ފުނަދޫވިލިގިއްލާ
ގދ.ކަނޑަހަލަގަލާ
ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ
ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު

އެ ރަށްތަކަށް ބީލަން ހުށަހަޅަން ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ހުޅުވައިލިއިރު، ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ އިއްޔެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ 18 ބީލަން ފޮތް ގަނެފައިވާއިރު ނުވަ ފަރާތަކުން ތަފާތު ހަތް ރަށަކަށް 13 ބީލަން ހުށަހެޅި ކަމަށެވެ. އަދި ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޮސްޓްގެ 140 ޕަސެންޓަށް ވުރެ ބޮޑު ކަމަށެވެ.

މިނިސްޓްރީ އިން މީގެ ކުރިން ވަނީ އެ ރަށްރަކުގެ އެކުއިޒިޝަން އަގުވެސް ކުޑަކޮށްފަ އެވެ. އަގު ކުޑަކުރީ މިވަގުރު އިންވެސްޓުކުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނެފައި ވަނީ މި އަހަރު ވެގެންދާނީ ފަތުރުވެރިކަމުގައި އިންވެސްޓްމެންޓުގެ އަހަރަކަށް ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަން ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އެކުއިޒިޝަން ކޮސްޓު ކުޑަ ކުރުމުން އާމްދަނީ އަށް އޭގެ އަސަރު ކުރާނެ އެވެ.

comment ކޮމެންޓް