އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފި

އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (ޓްރިޕްލް އޭ) ފްލައިން ސްކޫލްގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ދެކުންފުނީގެ ފަރާތުން ވަނީ ސޮއިކޮށްފަ އެވެ. އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ.

އެވިޑް ސްކޫލް އޮފް އެވިއޭޝަން އިފްތިތާހުކުރުން--

އެ ރަސްމިއްޔާތުގައި މުސްތާގު ވިދާޅުވީ މިއީ ދިވެހި ކުންފުންޏަކުން އަމިއްލައަށް ފްލައިން ސްކޫލެއް އުފައްދާ ފުރަތަމަ ފަހަރު ކަމަށެވެ.

"އައްޑޫގައި ކުރިއަށްގެންދިޔަ ޓްރިޕްލް އޭ ފްލައިން ސްކޫލުގެ ހުރިހާ ތަކެއްޗެއް، މިލްކިއްޔާތު އެއްކޮށް ގަތުމުގެ އެއްބަސްވުމުގައި މިއަދު މި ސޮއިކުރީ. މަގްސަދަކީ ދަރިވަރުންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެއްބާރުލުންދީ، ދަރިވަރުންނާ ގުޅިގެން މިއަދުން ފެށިގެން މަސައްކަތް ކުރަން ފެށުން." މުސްތާގު ވިދާޅުވި އެވެ.

އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ނަމުގައި އެ ކޮލެޖުގެ މުޅިން އައު ފެކަލްޓީއެއް މިއަދު އިފްތިތާހުކުރިއިރު، އެ ފެކަލްޓީގެ ހަމައެކަނި މަސައްކަތަކީ ޕައިލެޓުން ތަމްރީން ކުރުން ނޫން ކަމަށް މުސްތާގު ވިދާޅުވި އެވެ.

އެގޮތުން މުސްތަގްބަލުގައި ފްލައިޓް އިންޖިނިއަރިން، ކެބިން ކްރޫ ކޯސް އަދި އެ ނޫންވެސް މި ދާއިރާއާ ގުޅޭ ކަންކަމުން ކުދިން ތަމްރީން ކުރުމާއި އަޔާޓާގެ ޕްރޮގްރާމްތައް ތައާރަފުކުރަން ރާވާފައިވާ ކަމަށާއި އެކަމާ ގުޅޭގޮތުން ތަޖުރިބާކާރުންނަށް މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ދަނޑިވަޅުގައި އިސްކަންދޭނީ ފްލައިން ސްކޫލުގައި ތިބި 170 ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ކޯސް ވީ އެންމެއަވަހަށް ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް." މުސްތާގު ވިދާޅުވި އެވެ.

އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ލައިސެންސް ޓްރިޕްލް އޭ ކުންފުންޏަށް ދީފައި އޮތް ނަމަވެސް، އެވިޑް ކޮލެޖުގެ އަމިއްލަ ލައިސެންސެއް ހޯދުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށާއި ނަމަވެސް ދަރިވަރުންނަށް މިހާރުން މިހާރަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ޓްރިޕްލް އޭގެ ލައިސެންސްގައި ފޯރުކޮށްދެމުންދާނެ ކަމަށް މުސްތާގު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރެޖިއުލޭޓަރީ ބޮޑީގެ ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް ފްލައިން ސްކޫލުގައި އުދުހުމުގެ ކަންކަން ފެށޭވަރު ވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ.

އޭގެ ކުރިއަށް މިއޮތް މުއްދަތުގައި ދަރިވަރުން އިމްތިހާނަށް ތައްޔާރުކޮށްދިނުން ފަދަ ކަންކަން މިހާރުން މިހާރަށް ފަށައިގަތުމަށް އެވިޑުން ވަނީ ނިންމާފަ އެވެ.

ހަމައެއާއެކު ފްލައިން ސްކޫލުގައި ބޭނުންކުރުމަށް އާ ބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެ ބޯޓު ގެނައުމަށްޓަކައި ފުރަތަމަ ދައްކަން ޖެހޭ ބޯޓުގެ ޖުމްލަ އަގުގެ 25 ޕަސެންޓު މި ހަފުތާގެ ތެރޭގައި ދައްކައި ނިންމާލެވޭނެ ކަމަށް މުސްތާގު ވިދާޅުވި އެވެ.

އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވީ އެ ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައި ވަނިކޮށެވެ.

އެ މައްސަލަ ބޮޑުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްރިޕްލް އޭ ކުންފުނީގެ އިސް ދެ ބޭފުޅަކަށް ފިޔަވަޅު އަޅުއްވައި، ދަރިވަރުންގެ ލޯނުތަކަށް ލުއި ދިނުމަށްވެސް އަންގަވާފަ އެވެ.

comment ކޮމެންޓް