އަންހެނުން ހިތާނުކުރަން ހިތްވަރުދޭ ކަމަށް ބުނެ ޑރ. އިޔާޒްގެ މައްސަލަ މެންބަރު މީކާއީލް ހުށަހަޅުއްވައިފި

(ކ) ޑރ. މުހައްމަދު އިޔާޒް (ވ) ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް.

އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭ ބީދައިން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓަކާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މެންބަރު މީކާއިލް ސިޓީ ފޮނުއްވީ ޑރ. އިޔާޒްގެ ޓްވީޓުގެ މައްސަލަ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

މައްސަލަ ހުށަހަޅުއްވަން ފޮނުއްވި ސިޓީގައި މީކާއިލް ވަނީ ޖޫން 23، 2021 ވަނަ ދުވަހު ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" ނުވަތަ އަންހެނުން ހިތާނުކުރުމަށް ގައުމި ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނަވައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހިތްވަރު ދެއްވާފައިވާކަމަށް ވިދާޅުވެފަ އެވެ.

"މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނޭ ކަމެއްކަމަށްވާތީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ މެދުވެރިކޮށް، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ދެންނެވީމެވެ،" މެންބަރު މީކާއިލް ފޮނުއްވި ސިޓީގައި ވެ އެވެ.

މީކާއިލް ފޮނުއްވި ސިޓީގައި ވަނީ ޑރ. އިޔާޒް ކުރެއްވި ޓްވީތުގެ ލިންކެއްވެސް ހިމަނާފަ އެވެ. މީކާއިލް ފާހަގަކުރެއްވި ޓްވީޓުގައި ޑރ. އިޔާޒް ވަނީ އިސްލާމް ކުއެޝަންސް އެންޑް އާންސާސް ނަމަކަށް ކިޔާ ވެބްސައިޓަކުން ޝާއިއުކޮށްފައިވާ "އަންހެނުން ހިތާނަކުރުމުގެ ފައިދާ" ތަކުގެ ސުރުހީގެ ދަށުން ލިޔެފައިވާ ސުވާލާއި ޖަވާބުގެ ލިޔުމެއް ހިމަނައި ޓްވީޓު ކުރައްވާފަ އެވެ.

މި ޓްވީޓުގެ ތްރެޑްގައި ޑރ. އިޔާޒް ވިދާޅުވީ މިއީ "މީގައި މިވަނީ ބަޔަކު ކޮށްފައިވާ އިލްމީ ދިރާސާއެއް. މީގައި ގޯހެއްވާނަމަ އިލްމީ ގޮތުން ޖަވާބު ދެއްވާ. މަޖިލީހަށް ގަރާރުތައް ލާ ވަޒީފާއިން ވަކިކުރަން ޕްރެޝާ ކުރުމަކި ހައްލެއް ނޫން" ކަމަށެވެ.

ޑރ. އިޔާޒްގެ މި ޓްވީޓަށް އާންމުގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ފާޑު ކިޔައިފަ އެވެ.

މައްސަލަ ހުށަހެޅުއްވި މެންބަރު މީކާއިލް ނަސީމް މައްސަލައާއި ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން 'ސަން' އަށް ވިދާޅުވީ ޑރ. އިޔާޒް ކުރެއްވި އެ ޓްވީޓުތަކަކީ މިފަދަ ދަނޑިވަޅެއްގައި ކުރި ވަރަށް ބިރުވެރި އަދި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"ވަރަށް ފަހުންވެސް އެޗްއާރުސީއެމުން ވަނީ، ރާއްޖޭގައި ފީމޭލް ޖެނިޓަލް މިއުޓިލޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަކޮށް ބޮޑު ރިޕޯޓެއް ނެރެފަ. އެހެން އެކަން އޮއްވާ ޑރ. އިޔާޒް ފަދަ އިލްމު އުގައްނައިދެއްވަން މަސައްކަތް ކުރައްވާ އަދި ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅަކު އެގޮތަށް ޓްވީޓުކުރުމުން އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. އެފަދަ ކަންކަމުން މިފަދަ (ފީމޭލް މިއުޓިލޭޝަން) ކަންކަން ކުރާ މީހުންނަށް އިތުރަށް ހިތްވަރު ލިބިގެންވެސް ދާނެ އެކަހަލަ ކަންކަން ކުރަން. އެއީ ވަރަށް ބިރުވެރިކަމެއް ހަގީގަތުގައި،" މެންބަރު މީކާއިލް ވިދާޅުވި އެވެ.

މިމައްސަލަ އާއި ގުޅިގެން ޑރ. އިޔާޒްއާއި 'ސަން' އިން ސުވާލުކުރުމުން ޑރ. އިޔާޒް ވިދާޅުވީ އެ ޓްވީޓަކީ އެއްވެސް ހާލެއްގައި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ޓްވީޓެއް ނޫންކަމަށާއި އަދި ހަމަ އެކަނި އިލްމީ ދިރާސާއެއް އާންމުންނާއި ހިއްސާކޮށްލެވީ ކަމަށެވެ.

"އަޅުގަނޑަކީ މިހެން އުޅެމުންވެސް، އެކަހަލަ ކަންކަމަށް ހިތްވަރުދީ ނުވަތަ އެކަން ކުރާށޭ ކިޔައި ވާހަކަ ދައްކާ މީހެއް ނޫން. އަޅުގަނޑު ދެން ދީނީ ގޮތުން ސުވާލެއް އައިމަ އެޔަށް ޖަވާބު ދެން. އެކަމަކު އެއްވެސް ހާލެއްގައި އެކަން ކުރާށޭ ނުއެއް ބުނަން،"

"އެ ޓްވީޓުގައި ދޭން ބޭނުންވި މެސެޖަކީ ހަމައެކަނި ބަޔަކު އެބަ އޮތޭ، މިކަމުގައި ހުރި ފައިދާތަށް ކިޔައިދީ އިލްމި ދިރާސާއެއްކޮށްފަ. އެހެންވީމަ މިކަމާއި ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކުން އެޔަށް ރައްދުދެއްވަންވީއޭ އިލްމީ ގޮތުން. އޭގެ ބަދަލުގައި ޖަޒުބާތުގައި ޖެހިގެން އަމިއްލައަށް ބޭނުންވާ ގޮތަށް ނިންމުމަށްވުރެ، ހަގީގަތަށް ކަން ބަލާފަ ނިންމާށޭ،" ޑރ. އިޔާޒް ވިދާޅުވި އެވެ.

މި ޓްވީޓާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ އަދާކުރައްވާ އެމްއެންޔޫގެ ވަޒީފާއިން ވަކި ކުރަން ގިނަ އަދަދެއްގެ ބަޔަކު ގޮވާލަމުންދާ ކަމަށާއި އަދި ތުން ތުން މަތިން އެކި ކަހަލަ ވާހަކަތައްވެސް އިވޭކަމަށެވެ.

އެހެންނަމަމަވެސް ހަގީގަތް ހާމަކުރުމަށް ކުރި ޓްވީޓަކީ އެފަދަ ވަޒީފާއެއްގައި ހުރެގެން ކުރުން ގޯސްކަމެއްކަމުގައި ނުދެކޭކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

މި މައްސަލައައި ގުޅިގެން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފް ވިދާޅުވީ ޑރ. އިޔާޒް އެ ކުރެއްވި ޓްވީޓްތަކަކީ އެބޭފުޅާގެ އަމިއްލަ ވިސްނުމުގައި ކުރެއްވި ޓްވީޓުތަކެއްކަމަށާއި އަދި އެއީ ގައުމީ ޔުނިވާސިޓީ އަދި ޔުނިވާސިޓީގެ މުއައްޒަފުންގެވެސް ވިސްނުމެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ޑރ. އިޔާޒަށް ފިޔަވަޅު އަޅުއްވާނެތޯ ކުރި ސުވާލަށް ވައިސް ޗާންސެލާ ވިދާޅުވީ އެފަދަ ފިޔަވަޅުތައް އަޅާއިރު މީޑިޔާ މެދުވެރިކޮށް ނުވަތަ ހާމަވާގޮތަށް ގައުމީ ޔުނިވާސިޓީއިން އަމަލު ނުކުރާ ކަމަށެވެ.

"މައްސަލަ ނުބަލާނަމެކޭ އެއްނޫން. އެކަމަކު ވަރަށް ގިނަ ޝަކުވާ އެބަ އާދޭ ވަޒީފާއިން ވަކި ކުރަންވެސް. ދެން އަބަދުވެސް ކަންކަން އިސްލާހުކުރަން ނަސޭހަތް ދެން. ހަމަ އެމްއެންޔޫއިން އެ ޓްވީޓުތަކާއި ވަރަށް ބޮޑަށް ޑިސްއެސޯސިއޭޓް ވަން،" ވައިސް ޗާންސެލާ ޝަރީފް ވިދާޅުވި އެވެ.

ޑރ. އިޔާޒް މީގެ ކުރިންވެސް ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކާއި ގުޅިގެން އެމްއެންޔޫއިން ވަނީ އޭނާ 14 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައިގައި ޑރ. އިޔާޒް ވަނީ އެމްއެންޔޫ އާއި ދެކޮޅަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށްވެސް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ޓްރައިބިއުނަލްގަ އެވެ.

comment ކޮމެންޓް