ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލުމަކީ މުޅި ގައުމު ކަރުނައަޅަން ޖެހޭވަރު ކަމެއް: މިނިސްޓަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: --- -- ފޮޓޯ/ އެންއީއޯސީ

ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލުމަކީ މުޅި ގައުމު އެކަމާ ކަރުނައަޅަންޖެހޭވަރު ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލާފައި އޮއްވާ ރޭ ދަންވަރު ފެނުނުއިރު، އެކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯތްބާއި އަޅާލުމާ ރައްކާތެރިކަމާއެކު ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭ ވަރު ކަމެއް ކަމަށެވެ.

"ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ދަންވަރު މަރާލާފައި އޮއްވާ ފެނުނު ކުއްޖާ މަރާލާފައިވަނީ ރަހީނު ކުރުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗު ސަރަހައްދުންނެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ގައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

comment ކޮމެންޓް