ހިޔާގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލައިފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކުއްޖާ ކުޑަކުދިންގެ ހިޔާ އިން ބޭރަށް ގެންގޮސް ޖިންސީ ގޯނާކުރިކަމަށް ބެލެވޭ މައްސަލައިގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް ދިން 10 ދުވަސް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ބެލެވޭ ފަދަ ސަބަބު ހުރި ކަމަށާއި އެހެން ނަމަވެސް ޝަރުތުކޮށްފައި ދޫކޮށްލުމަށް އިއުތިރާޒު ނުކުރާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި، ކޯޓުން ވަނީ އޭނާ ދޫކޮށްލަން ފުލުހުންނަށް އަމުރުކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ، ޖިންސީ ގޯނާ ލިބުނު ކަމަށް ބެލެވޭ ކުއްޖާ ފެނިފައި ވަނީ އެމީހާގެ ކޮޓަރިން ކަމަށެވެ. އަދި ކުއްޖާއާ އެކު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ހަމައެއާ އެކު އެކުއްޖާއަށް އެ ފިރިހެން މީހާ ކަންތައްތަކެއް ކޮށްދޭ ކަމަށާއި ކުއްޖާ ގްރޫމް ކުރުމަށް މަސައްކަތް ކުރާކަމަށް ބެލެވޭ ފަދަ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑު އޮވެ އެވެ.

މައްސަލައިގައި ހިމެނޭ ކުއްޖާ އަކީ ކުޑަ ކުއްޖެއް ނަމަވެސް، ކުޑަކުދިންނަށް ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެމީހާއަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަން ކޯޓުން މީގެކުރިން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް