މަކަރާއި ހީލަތުން އެކިމީހުންގެ އަތުން 7.4 މިލިއަން ރުފިޔާ އަތުލާފައިވޭ

ދެ މީހަކުވެގެން ފޯނަކަށް ބަލަހައްޓައިގެން-- ފައިލް ފޮޓޯ

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަަނަށް މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން 7.4 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ފުލުހުން ބުނެފައިވަނީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ތަހުގީގުން ހާމަވިކަމަށް ބުންޏެވެ.

މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެގޮތަށް އޮޅުވާލައިގެން ފައިސާ އަތުލަމުންދަނީ މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި މީހުންނަށް ގުޅައިގެން ކަމަށެވެ. އަދި ކޮވިޑުގެ ތެރޭ އެފަދަ މައްސަލަތައް އިތުުރުވެފައިވާކަމަށްވެސް ބުންޏެވެ.

މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައިވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާ ކަން ފުލުހުން ފާހަގަކުރި އެވެ.

އާންމުގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައްޔާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާތައް އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައި ކަމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑޫގައި ވެސް އިތުރުވަމުންދާ ކަމަށާއި އެކަމުގައި ހަރަކާތްތެރިވަމުންދަނީ ޖަލުން މިނިވަން ވެފައިވާ މީހުންކަކަމަށް ފުލުހުން ބުންޏެވެ،

ކޮންމެ މީހަކުވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާ އަދި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް