މާފަރު ޓާމިނަލް ބޮޑުކުރަން ކޮންސަލްޓެންސީ ހޯދަނީ

މާފަރު އެއާޕޯޓުގެ ޓާމިނަލް ތެރެ--- ސަން ފައިލް ފޮޓޯ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދިނުމަށް ދިވެހި ކުންފުންޏެއް ހޯދުމަށެވެ.

މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އީއޯއައި ހުށަހަޅާ ފަރާތްތަކަށް މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމުގެ އޮންލައިން ސެޝަނަށް ދައުވަތު ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

ޑިސެންބަރ، 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކުރި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވީ 2019 ޑިސެމްބަރު އެއްވަނަ ދުވަހު އެވެ.

އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަން ނިންމާ އެމަސައްކަތް ފަށަން ތައްޔާރުވާއިރު މާފަރު އެއާޕޯޓޓުގެ ރަންވޭ ބޮޑުކޮށް އެ އެއާޕޯޓުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މާފަރު އެއާޕޯޓުގައި މިހާރު އޮންނަނީ 3.6 ކިލޯމީޓަރުގެ ރަންވޭއެކެވެ. އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭ އިތުރަށް ބޮޑުކުރަން ނިންމައި އެ މަސައްކަތުގެ ޓެންޑަރަށްވެސް މީގެ ކުރިން ފިނޭންސް އިން ވަނީ ހުޅުވާލައިފަ އެވެ.

މާފަރު އެއާޕޯޓް-- ފޮޓޯ: މޯލްޑިވިއަން

މީގެ ކުރިން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާލުވީ ވައިޑް ބޮޑީ އެއާކްރާފްޓު ޖެއްސޭވަރަށް މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

"މިވަގުތު މާފަރު ރަންވޭގެ ލެންތުން އަޅުގަނޑުމެންނަށް ޖެއްސެނީ ޝޯޓް ހޯލް ފްލައިޓްސް. ވައިޑް ބޮޑީ އެއާކްރާފްޓްސް ޖެއްސޭނީ އަދި އިތުރަށް ރަންވޭ ދިގު ކޮށްގެން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ޖުލައި ތެރޭގައި ރަންވޭގެ ލެންތު އިތުރު ކުރުމުގެ މަސައްކަތް ފަށައި، މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރަނީ. ނިންމާ ލެވުމާ އެކީގައި އަޅުގަނޑުމެން ވައިޑް ބޮޑީ އެއާކްރާފްޓުގައި އީސްޓަން ޔޫރަޕުން ވެސް ދަތުރުތައް ފަށަން ވަނީ ޕްލޭން ކޮށްފައި،" މަގާމާ ހަވާލުވުމަށްފަހު އެމްޑީ މިހާދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަނީ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށެވެ.

މަތީފަންތީގެ ގިނަ އަދަދެއްގެ ރިސޯޓުތައް އޮންނަ ސަރަހައްދެއްގައި އޮޕަރޭޓު ކުރާ މާފަރު އެއާޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓުވެސް ޖައްސަ އެވެ.

comment ކޮމެންޓް