ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލަށް ހިޔާލު ހޯދަނީ ތިން ފަރާތަކުން

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަފްރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ހިޔާލު ހޯދާނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަރާތުން ކަމަށް، އެ ބިލު ދިރާސާ ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.

ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއް ކަމަށް ބުނެފައިވެ އެވެ. ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު ވަނީ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެން 55 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލަށް ހިޔާލު ހޯދާނެ ފަރާތްތަކާއި، ކޮމިޓީގައި ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު، އިމްތިޔާޒް ފަހުމީ ހުށަހެޅުއްވީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓަރ ޖެނެރަލް އަދި އެޗްއާރްސީއެމްގެ ހިޔާލު ހޯދުމަށް ލިޔުމަށެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު ކޮމިޓީން ބިލުގެ މަސައްކަތް މުޅިން ނިންމުމަށެވެ.

އިންތި ވިދާޅުވީ، އަމާޒަކީ މި ދައުރުގެ ތެރޭގައި ބިލު ފާސްވާނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ބިލު އަވަހަށް ނިންމަން ބޭނުންވާތީ، ހިޔާލު ހޯދަން ނިންމާފައިވާ ފަރާތްތަކަށްވެސް މާ ދިގު މުއްދަތެއް ދެވެން ނެތް ކަމަށެވެ.

"އެއީ ބިލުވެސް މާކަ ދިގު ބިލަކަށް ނުވާތީ. ކުޑަ ބިލެއް. އެހެންކަމުން އެހާ ދިގު މުއްދަތު ދެވެން ނެތީމަ އާއެކުގައި އަޅުގަނޑު މި ބިލު އަވަހަށް ނިންމަން ބޭނުންވާތީއާ އެކުގައި 20 ޖޫން ވާ އާދީއްތަ ދުވަހަށް ނުވަތަ 21 ޖޫން ވާ ހޯމަ ދުވަހަށް އެފަރާތްތަކަށް ކޮމެންޓް ހުށަހެޅުމަށް ފުރުސަތު ދިނުން ކިހިނެތްތޯ ވާނީ،" އިންތި ވިދާޅުވި އެވެ.

މުގައްރިރު ހުށަހެޅުއްވި ގޮތަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރުމުން އެގޮތަށް ވަނީ ފާސްވެފަ އެވެ.

އެ ބިލާ ގުޅިގެން ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އިދިކޮޅު މެމްބަރުންނާއި އެހެން ބައެއް މެމްބަރުން ވެސް ބުނަމުން އަންނަނީ ނަފުރަތުގެ އަމަލު ކުށަކަށް ހެދުމަށް ތާއީދުކުރާ ކަމަށާއި، ނަމަވެސް މިހާރު ބިލު އޮތް ގޮތް ކަމުނުދާ ކަމަށެވެ.

އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

comment ކޮމެންޓް