ބޮމުގެ ހަމަލާގެ ކުރިން ފުލުހުން ހިފެހެއްޓި ލޯންޗެއްގައި ތުހުމަތުވާ ދެ މީހުން ތިބި

މެރިން ޕޮލިސް---

މެއި މަހުގެ ހަވަނަ ދުވަހުގެރޭ މާލޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހުޅުމާލޭ ފަޅުތެރޭން ފުލުހުން ހުއްޓުވި ލޯންޗެއްގައި ތިބި ދެ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މެއި ހަޔެއްގައި ދިން ހަމަލާ އާއި ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދަކީ މެއި އެއް ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވާކަމަށެވެ.

އަދި އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށާއި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީންގެ އިތުރުން ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ލޯންޗް ހުއްޓުވާފައިވަނީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ހުޅުމާލެ ފަޅުތެރެއިން ކަމަށާއި އެގޮތުން، އެ ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރި ވުމަށްފަހު ސީން ނިންމާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ ރޭވުމުގައި އުޅުނު އެންމެން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަމަލާ އާއި ގުޅިގެން މާލެ ސަރަހައްދުގައްޔާއި ޖަލުތަކުގައި އަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ވަނީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ.

ހަމަލާ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 ހިމެނޭއިރު އެމީހުންނަކީ ހަރުކަށި ފިކުރުގެ ބަޔެއް ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

މައްސަލާގައި ހައްޔަރު ކުރި އަދުހަމް އަކީ ރައީސް ނަޝީދަށް ހަމަލާ ދިން އިު އަތަމާ ޕެލަސް ތެރޭ ހުރި މީހާ އެވެ. ހަމަލާދީފައިވަނީ އޭނާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. ފުލުހުން ބުނާ ގޮތުގައި އަދުހަމް އަކީ ބޮންގޮއްވާލުމަށް ޓަކައި ސީދާ ރިމޯޓުގެ ބަޓަނަށް ފިތި މީހާ އެވެ. މީގެ އިތުރުން ތަހުމީން އަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުންކުރި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިފަރާތް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް