އެއާޓްރެފިކް ކޮންޓްރޯލް އުނިކޮށް އެފްޑީއައި ޕޮލިސީ އިސްލާހުކޮށް ނެރެފި

އިކޮނޮމިކް މިނިސްޓާރ ފައްޔާޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަތޭކަ ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި ވައިގެ ދަތުރުގެ ހިދުމަތާ ގުޅުންހުރި މަސައްކަތްތައް ކުރެވޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓު ޕޮލިސީ އަށް ގެނައި ބަދަލުގައި ބޭނުންކޮށްފައިވާ އިބާރާތް ސާފުކޮށްދީ، އަލުން ގެޒެޓު ކޮށްފި އެވެ.

އާދިއްތަ ދުވަހު އިކޮނޮމިކް މިނިސްޓްރީ އިން އެންމެ ފުރަތަމަ ގެޒެޓު ކުރި އިސްލާހުގައި،ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށާއި، މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ގްރައުންޑް ސާވިސް ހިދުމަތްތަކާ، އެއާޓްރެފިކް ކޮންޓްރޯލު ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ މީހުންނަށް ކުރެވޭނެ ކަމަށް ދޭހަވާގޮތަށް އެފްޑީއައި އުސޫލަށް އިސްލާހު ގެނައުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.

އެ ފާޑުކިޔުންތަކަށް ޖަވާބުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ވައިގެ ދަތުރުފަތުރާ ގުޅިގެން ސަރުކާރުން ދޭންޖެހޭ ހިދުމަތްތައް؛ އިމިގްރޭޝަން، ކަސްޓަމްސްގެ ހިދުމަތް، އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ބޭރުގެ އެއްވެސް ބަޔަކަށް ދޫނުކުރެވޭނެ ކަމަށެވެ. އަދި އިސްލާހުގައި އިބާރާތް އޮތްގޮތުން އޮޅުންއަރާތީ އެކަން އިސްލާހު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާހަށް ބަދަލު ގެނެސް އިއްޔެ ގެޒެޓުކޮށްފައިވާ ދެވަނަ އިސްލާހުގައި، ސަރުކާރުން ފޯރުކޮށްދޭން ލާޒިމު ކުރާ ހިދުމަތްތަކާއި ކަސްޓަމްސްް ، އިމިގްރޭޝަން އަދި އެއާޓްރެފިކް ކޮންޓްރޯލާއި އޭވިއޭޝަން ސެކިޔުރިޓީގެ މަސައްކަތް ނުހިމެނޭހެން ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެއާޕޯޓު މެނޭޖުމެންޓުގެ މަސައްކަތްތައް ބޭރު ކުންފުނިތަކަށް ކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެކަން އެގޮތަށް ބަޔާންކޮށްފައިވާއިރު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުން އޮޕަރޭޓު ކުރަމުންދާ އެއްވެސް އެއާޕޯޓެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީކުރީގެ ރައީސް އަބްދުالله ޔާމީނުގެ ސަރުކާރުގައިވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުގެ ގޮތުގައި 100 ޕަސަންޓު ހިއްސާ އޮތް ބޭރު ކުންފުނިތަކަށް އެއާޕޯޓު ހިންގަން ދީފައި ހުރިކަމަށާއި ނަމަވެސް އެ ސިޔާސަތު ކަރުދާހުގައި ލިޔެ, އެއާޕޯޓެއްގައި ބޭރުގެ ހިއްސާ އޮންނާނީ 75 ޕަސަންޓަށް ކަމަށް ކުޑަކޮށް ލިޔުނީ މި ސަރުކާރުން ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުން މިހާރު އަޅަން ރާވާފައިވާ ބައެއް އެއާޕޯޓުތަކަށް އިންވެސްޓަރުން ހޯދާ އިރު އެތަނުގެ 100 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ބޭއްވުމަށް ބައެއް އިންވެސްޓަރުން އެދެމުން ގެންދާތީ, ހިއްސާގެ ނިސްބަތް އިހު އޮތް ގޮތަށް އިޔާދަކުރީކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް