އިސްރާއީލުން އަނެއްކާ ވެސް ޣައްޒާއަށް ވައިގެ މަގުން އުދުވާނީ ޙަމަލާތަކެއް ދީފި

ޣައްޒާ (މޭ 16) : އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ރޭ ފަތިހުގެ ވަގުތެއްގައި ވައިގެ އުދުވާނީ ޙަމަލާތަކެއް ދީފި އެވެ.

މިއީ މިދިޔަ ރަމަޟާންމަހުގެ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެގާރަ ދުވަސްވަންދެން ހިންގި އުދުވާނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމަށް ފަހު އިސްރާއީލުން ޣައްޒާއަށް ދިން ފުރަތަމަ ޙަމަލާތަކެވެ. މިއުދުވާނީ ޙަމަލާތަކަށް ބަހަނާ ދައްކަމުން އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޣައްޒާއަށް ޙަމަލާދިނީ ޣައްޒާގެ ތެރެއިން އިސްރާއީލަށް ފޮނުވާ "އަލިފާނުގެ ފުއްޕާހަން" ތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޣައްޒާގެ ތެރެއިން އިސްރާއީލުގެ ދަނޑުތަކަށް އަމާޒުކޮށް ފޮނުވި އަލިފާނުގެ ފުއްޕާހަންތައް މަތަކުރުމުގައި އިސްރާއީލުން އެގައުމުގެ ހިމާޔަތުގައި ބިނާކޮށްފައިވާ "އަޔަންޑޯމް ނިޒާމު" ބޭނުންކުރިކަން ނުވަތަ ނޫންކަން އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. ޣައްޒާގެ ހަނގުރާމައިގެ ދުވަސްވަރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލަށް ދިން ރޮކެޓް ޙަމަލާތަކުގެ ގިނަ ޙަމަލާތަކަށްވެސް "އަޔަންޑޯމް ނިޒާމު" ބޭނުންކޮށްގެން ހުރަސްއެޅިފައެއް ނުވެ އެވެ.

ޣައްޒާގެ ތެރެއިން އިސްރާއީލަށް ފޮނުވާ "އަލިފާނުގެ ފުއްޕާހަން"ތަކުގެ ސަބަބުން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި 70 ވަރަކަށް އަލިފާންގަނޑު ރޯވެފައިވާކަމަށާ މީގެތެރެއިން ބައެއް ފުއްޕާހަންތައް ވެއްޓިފައި ވަނީ އިސްރާއީލުގެ ދަނޑުތަކަށް ކަމުން އެތަށް ދަނޑެއް އަނދައިގެން ގޮސްފައިވާ ކަމަށް އިސްރާއީލުން ބުނެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އުޅޭތީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމަކީ ފަލަސްތީނުގެ ހައްގެއްކަމާއި އިސްރާއީލަށް ކޮންމެ ގޮތަކަށް ނަމަވެސް ޙަމަލާތައް ދިނުމަކީ ފަލަސްތީނުގެ އަމިއްލަ ނަފްސު ދިފާއު ކުރުންކަމަށް ފަލަސްތީނު ރައްޔިތުން ދެކެއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުންވަނީ އިސްރާއީލުން ރޭ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދިންކަން ކަށަވަރުކޮށްދީފަ އެވެ. އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ ޚާންޔޫނުސް ސަރަހައްދާ ކައިރީގައިވާ ޙަމާސްގެ އަސްކަރީ ތަމްރީން މަރުކަޒަކަށް ކަމަށާ އިސްރާއީލުގެ ޙަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ހަމާސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ އިސްތިއުމާރީ އުސޫލުން ވަޒަންވެރިވެގެން އުޅޭ ހަރުކަށި ވިސްނުމުގެ ޔަހޫދީން އިއްޔެވަނީ ދިދައިގެ ހިނގާލުމުގެ ނަމުގައި އިސްރާއީލުގެ ދިދަ ހިފައިގެން ފަލަސްތީނުގެ ރަށެއްކަމަށްވާ އިރުމަތީ ޤުދްސުގައި ފަލަސްތީނުގެ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ބޮޑު ހިނގާލުމެއް ބާއްވާފަ އެވެ.

މި ހިނގާލުމުގައި ހަރުކަށި ޔަހޫދީންގެ ބައިގަނޑެއް ވަނީ ގުދްސުގައި ހުންނަ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލް އަގްސާގެ ހަރަމްފުޅުގައިވާ ބާބުލް ޢާމޫދްގެ ކައިރީގައި އިސްރާއީލުގެ ދިދަ ހިފައިގެން ނަށައި މަސްޖިދުލް އަގްސާގެ ހުރުމަތް ކެނޑޭގޮތަށް ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގާފަ އެވެ. މިއަމަލުތައް ހިންގީ އިސްރާއީލު ސިފައިންގެ އެހީތެރިކަމާއެކު ގައެވެ.

ހަރުކަށި ޔަހޫދީންގެ މި ޖެއްސުން ކުރުންތަކާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންވަނީ އިރުމަތީ ގުދްސުގައާއި ހުޅަނގު އައްސޭރީގެ ރައްތަކުގައި ރުޅިވެރިކަން ހާމަކޮށް އިހުތިޖާޖް ކޮށްކޮށްފަ އެވެ. އިސްރާއީލު ސިފައިންވަނީ އިހްތިޖާޖް ކުރި ފަލަސްތީނު މީހުންގެ ތެރެއިން އެތަށްބަޔަކު ހައްޔަރުކޮށް އަނެއްބަޔަކަށް ކަރުނަގޭހާއި ލަޓިބުރިންތަކުން ޙަމަލާތައް ދީފައެވެ.

ޣައްޒާގެ ތެރެއިން އިސްރާއީލަށް "އަލިފާނުގެ ފުއްޕާހަން" ފޮނުވައި އިސްރާއީލުގެ ދަނޑުތަކުގައި ރޯކޮށްލީ ހަރުކަށި ޔަހޫދީންނާއި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގުޅިގެން ގުދުސުގައި މާތްވެގެންވާ މަސްޖިދުލް އަގްސާގެ ހުރުމަތް ކެނޑުމަށް ހިންގި މުޑުދާރު އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް ރިޕޯޓްތައް ބުނެއެވެ. ގުދްސާއި މަސްޖިދުލް އަގްސާގެ ދިފާއުގައި ފަލަސްތީނު ރައްޔިތުންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތެދުވާތީ އިސްރާއީލުވަނީ ކަންބޮޑުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު