ޝުކުރު އަދާކުރަމުން އެރިކްސަން ބުނަނީ އެނބުރި އަންނާނެ ކަމަށް

ކްރިސްޓިއަންސަން ޑެންމާކު ޖާޒީގައި --- ފޮޓޯ/ އޭޕީ

ޔޫރޯ 2020ގެ ގްރޫޕް ބީގައި ހޮނިހިރު ދުވަހުގެރޭ ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ އެކު، ފަރުވާ ދިން ޓީމަށާއި، އޭނާގެ ހާލުބަލައި، ހިތްވަރުދިން ފަރާތްތަކަށް ޝުކުރު އަދާކޮށް އަލުން ކުޅުމަށް އަންނަނާނެ ކަމުގެ ފެހި ސިގްނަލް އެރިކްސަން ދީފި އެވެ.

އެ މެޗުގެ ރެފުރީ އެންތަނީ ޓެއިލާ ވަގުތުން މެޗު ހުއްޓާލައި ސިއްހީ އޮފިޝަލުން ދަނޑަށް އެރުމުގެ ކުރިން އެރިކްސަންއަށް ދަނޑުމަތީގައި ފަސްޓް އެއިޑް ދީފައި ވަނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ. އެގޮތުން ދަނޑުމަތީ އެރިކްސަންއަށް އެންމެ ފުރަތަމަ ސީޕީއާރް ދިނީ ކިއޭ އެވެ.

ސިއްހީ އޮފިޝަލުންގެ ފަރުވާއަށް ފަހު އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަ އިރު، ހޭއަރާފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރެވުނީ އަވަސް ފަރުވާ ލިބުމުން ކަމަށް ޑެންމާކުން ބުނެފައިވާ އިރު، މިހާރު އަންނަނީ އޭނާގެ ހާލު ރަނގަޅުވެ، ޓީމު ކުޅުންތެރިންނާ ވާހަކަ ވެސް ދައްކަމުން ކަމަށް ޓީމުން ވަނީ ބުނެފަ އެވެ.

އެރިކްސަންއަށް ދިމާވި ހާދިސާގައި އޭނާ ސަލާމަތް ކުރެވުނީ "ހަމަ ކިރިޔާ" ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދަނޑުމައްޗަށް ފަރުވާދޭން ޑޮކްޓަރުންގެ ޓީމަށް ދެވުނު އިރު ވިންދު ހުއްޓިފައިވާ ކަމަށާއި، އެރިކްސަން އަނބުރާ ގެނެވުނީ އަވަސް ފަރުވާ ދިނުމުން ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އެރިކްސަން މިއަދު ގެޒެޓް ޑެލޯ ސްޕޯޓްސް ނޫހަށް ދިން އިންޓަވިއުއްގައި ބުނީ މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ދަނޑުމަތިން ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެރިކްސަން ބުންޏެވެ.

"ޝުކުރިއްޔާ. އަހަރެން އެނބުރި އަންނާނަން. އެކަމަކު އޭގެ ކުރިން އަހަރެން މި ބަލަނީ އެކަން ދިމާވާން މެދުވެރިވި ސަބަބުތަކަށް. އަދިވެސް އެއްފަހަރު ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރަން،" އެރިކްސަން ބުންޏެވެ.

comment ކޮމެންޓް