އެރިކްސަން އަނބުރާ ގެނެވުނީ އަވަސް ފަރުވާ ދިނުމުން: ޑޮކްޓަރު

ކުޅުންތެރިން އެރިކްސަންގެ ވަށާލައި އެތުރިލައިގެން --- ފޮޓޯ/ ގެޓީ

ޔޫރޯ 2020ގެ ގްރޫޕް ބީގައި ހޮނިހިރު ދުވަހުގެރޭ ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓިގެން ފަރުވާން ދޭން ފެށި އިރު، ހިތް އޮތީ ހުއްޓިފައި ކަމަށާއި، އަނބުރާ ގެނެވުނީ ކިރިޔާ ކަމަށް އޭނާ ބެލި ޑެންމާކުގެ ޑޮކްޓަރު ބުނެފި އެވެ.

ރެފުރީ އެންތަނީ ޓެއިލާ ވަގުތުން މެޗު ހުއްޓާލައި ސިއްހީ އޮފިޝަލުން ދަނޑަށް އެރުމުގެ ކުރިން އެރިކްސަންއަށް ދަނޑުމަތީގައި ފަސްޓް އެއިޑް ދީފައި ވަނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ. އެގޮތުން ދަނޑުމަތީ އެރިކްސަންއަށް އެންމެ ފުރަތަމަ ސީޕީއާރް ދިނީ ކިއާ އެވެ. ސިއްހީ އޮފިޝަލުންގެ ފަރުވާއަށް ފަހު އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަ އިރު، ހޭއަރާފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރެވުނީ އަވަސް ފަރުވާ ލިބުމުން ކަމަށް ޑެންމާކުން ބުނެފައިވާ އިރު، މިހާޜު އަންނަނީ އޭނާގެ ހާލު ރަނގަޅުވެ، ޓީމު ކުޅުންތެރިންނާ ވާހަކަ ވެސް ދައްކަމުން ކަމަށް ޓީމުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެރިކްސަންއަށް ފަރުވާދޭން ޑެންމާކުގެ ޑޮކްޓަރުން ދިޔައިރު، އޭނާ އޮތީ 50-50 ހާލަތެއްގައި ކަމަށާއި، ހިތްވެސް އޮތީ ހުއްޓިފައި ކަމަށް އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފަ އެވެ.

"އަހަރަމެންނަށް އޭނާ ލިބުނީ ހަމަ ކިރިޔާ. ގާތްގަނޑަކަށް އެރިކްސަން ނެތޭ ވެސް ބުނެވޭ ވަރުގައި ކަންތައް އޮތީ. އެކަމަކު އޭރު ދިން ފަރުވާއާ އެކު އެރިކްސަންގެ ހާލު ރަނގަޅުވާން ފެށި." އޭނާ ބެލި ޑޮކްޓަރު ޑރ. ބޮއެސަން ބުންޏެވެ.

އޭނާ ބުނީ، އެރިކްސަން އަށް އެ ގޮތަށް ދިމާވި ވަގުތުން ފެށިގެން މެޑިކަލް ޓީމުން ފަރުވާ ދޭން ފެށުމާ ހަމައަށް ހިނގާ ދިޔަ ވަގުތުކޮޅުގައި އޭނަގެ ފުރާނަ ސަލާމަތް ކުރަން މުހިއްމު ކަންތައްތަކެއް ކުރެވިފައި ހުރި ކަމަށެވެ. އެގޮތުން އެންމެ މުހިއްމު ކަމަކީ އޭނަގެ ނޭވާ ނުހުއްޓޭ ގޮތަށް ހެދުން ކަމަށާއި ޓީމުގެ ކުޅުންތެރިން އެކަން ކޮށްފައި ހުރީ ރަނގަޅަށް ކަމަށެވެ.

comment ކޮމެންޓް