ކޮމިޓީގެ ސިއްރު ބައްދަލުވުންތައް ހަމައެކަނި މަޖިލިސް އިދާރާގައި ބާއްވަން އެދެނީ

އިމްތިޔާޒް ކޮމިޓީގެ މުގައްރިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސިއްރު ބައްދަލުވުންތައް ހަމައެކަނި މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދުމަށް އެ ކޮމިޓީން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ، މި މަހުގެ ހަ ވަަ ދުވަހުގެ ރޭ 10:15 ގައި ބޭއްވި އެ ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ނެގި ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ލީކުވި މައްސަލައާ ގުޅިގެންނެވެ.

ލީކުވެފައި ވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކުރުމަށް އެމްއެންޑީއެފްއިން ދެކޮޅު ހަދައި, މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނެގި ވޯޓުގެ ނަތީޖާ އެވެ.

ޒަމީލް ސޮއިކުރައްވައި ފޮނުއްވި ސިޓީއަކީ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި އަދި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ އޭނާއަށް ފިޔަވަޅު އެޅުމަށް ފޮނުއްވީ ވެސް މަޖިލިސް ރައީސް އެވެ.

ނަމަވެސް އެ މައްސަލަ ބަލައި ޒަމީލަށް ފިޔަވަޅު އަޅަން އެ ކޮމިޓީގެ މެމްބަރުންގެ ތާއީދެއް ނުލިބުނެވެ. އެ މައްސަލައަށް ތާއީދު ލިބިފައި ނުވަނީ މިހާރު ވެސް އެ ހަމަލާއާ ގުޅޭ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދާތީ އާއި، ހާޒިރުކުރަންޖެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވަމުން ދިއުމުގެ އިތުރަށް، ސިޔާސީ ބޭފުޅަކު ލިޔުމެއްގައި ސޮއިކޮށްފައި ފޮނުވުމަކީ އެއްވެސް ހާލެއްގައި އެ ބޭފުޅެއްގެ މައްސަލަ ނެގިދާނެ ކަމެއް ކަމަށް މެމްބަރުންނަށް ގަބޫލުނުކުރެވުންނެވެ.

އެއީ ގާނޫނީ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަކަށް ވާތީ، އެއީ ކޮމިޓީން ބެލިދާނެ މައްސަލައެއް ކަމަށް ނުފެންނާތީ މައްސަލަ ބޭރުކުރަން ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. ނަމަވެސް އެ މައްސަލަ ބޭރުކޮށްލީ އެމްޑީޕީ މެމްބަރުންގެ ވޯޓާ ވެސް އެކު އެވެ.

އެ ވޯޓާއެކު އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ދެބަސްވުމައި އަރާރުން ބޮޑުވެފަ އެވެ. އަދި މެމްބަރުންނަށް ބޮޑެތި ތުހުމަތު ވެސް އަންނަނީ ކުރަމުންނެވެ.

އެ މައްސަލައިގައި އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ލީކުވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ކޮމިޓީގެ މެމްބަރުންނަށް އެކި ފަރާތްތަކުގެ އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އޮންލައިންކޮށް ބޭއްވޭ ކޮމިޓީ ބައްދަލުވުންތަކުގައި، ބައްދަލުވުން ސިއްރުކުރަން ނިންމާ ހިސާބުން ކޮމިޓީގެ ބައްދަލުވުން މެދުކަނޑާލައި، މަޖިލީހުގެ އިދާރާގައި އެ ބައްދަލުވުމުން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭން އެދިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ކޮމިޓީގެ މުގައްރިރަކީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެވެ.

comment ކޮމެންޓް