މަސްތުވަނީ މިސްކިތް ތެރޭ، ޑްރަގް ފޮރުވަނީ ހަތިމު ތެރޭ

ފޮޓޯ: ސޯޝަލް މީޑިއާ

"ގޮސް ގޮވާލީމަ ނުކުންނަމުން ޚަތިމް ހާވާލާފައި\ 'ޕެކެޓެއް' ނަގައިގެން ދިޔައީ. މިހާރު ރިޕޯޓު ކުރާވަރުން ފުލުހުން އަންނާތީ ސާމާނުކޮޅު ހުންނަނީ ޚަތިމް ތެރޭ ފޮރުވާފައި،"

ފަތިސް ނަމާދަށް ދިޔަ އިރު މިސްކިތްތެރެއިން ފެނުނު މަންޒަރު ހިއްސާކުރަމުން މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އެމީހާ ވަނީ މިސްކިތްތެރޭ އެވަގުތު ނިދާފައި ތިބި ދެ ފިރިހެނުންގެ ފޮޓޯ ވެސް ހިއްސާކޮށްފަ އެވެ. ލައިޓަރު ވެސް އޮތީ ކާޕެޓު މަތީގަ އެވެ.

އެމީހާ ބުނީ މިއީ މިހާރު އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ޖަލާލުއްދީން މިސްކިތަކީ "ޕާޓޭން"ގެ އައްޑާއަކަށް ވެފައިވާ ކަމަށާއި މިސްކިތް ތެރޭގައި ސިނގިރޭޓު ބޮއެ، މަސްތުވާތަކެތި ބޭނުންކޮށް ނާޗަރަންގީ ކުޅުމަކީ ކޮންމެ ދުވަހަކު ހިނގާ ކަންކަން ކަމަށެވެ.

އޭގެ އިތުރުން މިސްކިތުގެ ފާހާނާއިން ފެންވަރައި، ވުޟޫކުރާ ތަނުގައި އަތްދޮންނަން ބަހައްޓާފައި ހުންނަ ސައިބޯނި ފުޅިން ހެދުން ދޮވެ މިސްކިތުގެ އަންހެނުންނަށް ހާއްސަކޮށްފައި ހުންނަ ބައިގައި ހިއްކަން އަޅައި، ނިދައި ކައިބޮއި ހެދުމަކީ އާންމުކަމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އިންޖެކްޝަނާއި ފޮއިލް އާއި ލުނބޮލާއި ސިނގިރެޓް ފިލްޓަރު ހުންނަނީ ފާހާނާ ތެރޭގައި. ކޮންމެ ދުވަހަކު ތަކުރާރުކޮށް މިކަމުގެ ރިޕޯޓު ފުލުހުންނަށް ކުރެވޭ. އެކަމަކު ގެންދާގޮތަށް މަދުވަގުތުކޮޅެއްގެ ތެރޭގައި ދޫކޮށްލާ. އިރުކޮޅަކުން ހަމަ އެމީހާ އައިސް މިސްކިތުގައި،" އޭނާ ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދާ، އެއްޗެހި ދޮވެ މިސްކިތްތައް ބޭނުން ކުރުން އެކަށީގެން ނޫން އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފުލުހުން ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށެވެ.

ހަމައެއާއެކު އެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ހުރިގޮތުން، އާންމު މަސްލަހަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރަން ނިންމި އެވެ.

އެހެން ނަމަވެސް ބައެއް އާންމު ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި ފާހާނާ ކުރުމާއި ވުޟޫ ކުރެވޭނެ އިންތިޒާ ފަހުން ހަމަޖައްސައިދިނެވެ.

މާލޭގެ މިސްކިތްތަކަށް ނަމާދަށް ނޭރޭ ގޮތަށް މިސްކިތްތައް ބަންދުކުރުމުން، އިސްލާމިކް މިނިސްޓްރީއަށާއި މާލެ ސިޓީ ކައުންސިލަށާއި އެލްޖީއޭ އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

comment ކޮމެންޓް