ސިޒޭރިއަން ހެދި ޒުވާނަކު ކޮވިޑުގައި ހާލު ބޮޑުވެ، މަރުވެއްޖެ

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހާލު ބޮޑުވި 25 އަހަރުގެ އަންހެނަކު، ސިޒޭރިއަން ހެދިތާ އަށް ދުވަސް ފަހުން މަރުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް މިއަދު 12:43 ގައި މަރުވީ މެއި މަހުގެ ފަހުކޮޅު އިމާޖެންސީގައި މާލެ ގެނައި ފ. ނިލަންދޫ އަންހެނެކެވެ.

އޭނާ މަރުވީ ވެންޓިލޭޓަރުގައި އޮތުމަށްފަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑްގެ ސަބަބުން ނޭވާލާން އުނދަގޫވެ އޭނާގެ ހާލު ގޯސްވާން ފެށުމުން، ސިޒޭރިއަން ހަދައި ދަރިފުޅު ނެގީ މެއި 29 ވަނަ ދުވަހު، ބަނޑަށް އަށް މަހުގަ އެވެ.

އެޗްޕީއޭ އިން ބުނީ އަންހެން މީހާ ވިހެއި ދަރިފުޅަށް ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 195 ވަނަ މީހާ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މާބަނޑުމީހުންގެ އަދަދު އިތުރުވެފައިވާއިރު މާބަނޑު މީހުން ދުވަސް ނުފުރާ ވިހެއުމާއި ބަލީގައި ބޮޑުވަރުވުން އަދި ދަރިފުޅު ވެސް ސީރިއަސް ހާލަތަށް ދިޔުންފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް