އެމެރިކާގެ ފެޑަރަލް ކޯޓެއްގެ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު އައްޔަން ކުރަނީ

ޒާހިދު ގުރައިޝީ

ވޮޝިންޓަން (ޖޫން 12) : އެމެރިކާގެ ފެޑަރަލް ކޯޓެއްގެ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު އައްޔަންކުރުމަށް ސެނެޓުން ފާސްކޮށްފިއެވެ.

އެމެރިކާގެ ޑިސްޓްރިކްޓް އޮފް ނިއު ޖާޒީގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރުމަށް ސެނެޓުން ރުހުން ދިނީ އެމެރިކާގެ ޕާކިސްތާން ދަރިކޮޅުގެ ރައްޔިތެއް ކަމަށްވާ އުމުރުން 46 އަހަރުގެ ޒާހިދު ގުރައިޝީ އަށެވެ. ފެޑްރަލް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރަނީ ސެނެޓުގެ އަގުލަބިއްޔަތުން ލިބިގެންނެވެ. ގުރައިޝީ ފެޑެރަލް ފަނޑިޔާރަކަށް އައްޔަން ކުރުމަށް އެމެރިކާގެ ސެނެޓުގައި ނެގި ވޯޓުގައި އޭނާއަށް 81 ވޯޓު ލިބިވަޑައިގެންނެވިއެވެ. އޭނާއަށް މަގާމު ދޭން ނުފެންނަކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.

ގުރައިޝީ އަށް ވޯޓު ދިން ސެނެޓްގެ 81 މެންބަރުންގެ ތެރޭގައި ހިމެނެނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 34 މެންބަރުންނާއި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ 47 މެންބަރުންނެވެ. ޑިސްޓްރިކްޓް އޮފް ނިއު ޖާޒީގެ ފެޑްރަލް ފަނޑިޔާރަކަށް ޤުރައިޝީ އައްޔަނު ކުރަން ފާސްކުރުމަށް އެމެރިކާގެ ސެނެޓުގައި ނެގި ވޯޓުގައި ގުރައިޝީއަށް 81 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން ފެޑަރަލް ކޯޓުތަކުގެ ފަނޑިޔާރުންނަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި ދެން އެންމެ މަތީ ދަރަޖައިގެ ފަނޑިޔާރުންނެވެ. ސެނެޓަށް ގުރައިޝީގެ ނަން ހުށަހެޅުއްވީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނިއު ޖާޒީގެ ސެނެޓަރ ކޯރީބުކާ އެވެ. ގުރައިޝީ މިމަގާމަށް އައްޔަން ކުރަން ސެނެޓުން ރުހުން ދިންއިރު އޭނާ ހުންނެވީ ނިއު ޖާޒީގެ މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރެއްގެ މަގާމުގައެވެ. ސެނެޓްގެ މި ނިންމުމާއެކު ގުރައިޝީ ވެގެންދާނީ އެމެރިކާގެ ފުރަތަމަ މުސްލިމް ފެޑެރަލް ފަނޑިޔާރަށެވެ.

ޒާހިދު ގުރައިޝީއަކީ މިދިޔަ ގަރުނުގެ މެދެއްހާ ހިސާބުގައި އެމެރިކާއަށް ހިޖުރަކުރި ޕާކިސްތާނުގެ ދެމަފިރިން ކަމަށްވާ ނިސާރު ޤުރައިޝީއާއި ޝާހިދާ ޤުރައިޝީގެ ދޮށީ ދަރިކަލުންނެވެ. ޒާހިދު ގުރައިޝީ އުފަންވީ އެމެރިކާގެ ނިޔުޔޯކް އަށެވެ. ގާނޫނާބެހޭ ދާއިރާއިން ގުރައިޝީ މަތީ ތައުލީމު ހާސިލު ކުރެއްވީ ރުޓްގާސް ލޯ ސްކޫލުންނެވެ. ގުރައިޝީ ވަނީ އަސްކަރީ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކުރު މުއްދަތަކަށް އެމެރިކާގެ ސިފައިންގެ ލަޝްކަރުތަކުގައި ޚިދުމަތް ކުރައްވާފައެވެ.

ޒާހިދު ގުރައިޝީ އެމެރިކާގެ ފެޑްރަލް ފަނޑިޔާރަކަށް އައްޔަން ކުރުމަށް ސެނެޓުން ރުހުން ދިނުމުން އެމެރިކާގެ މުސްލިމުންގެ ޖަމްއިއްޔާ "މުސްލިމް ޕަބްލިކް އެފެއާޒް ކައުންސިލް" އިންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އެ ޖަމްއިއްޔާގެ ރައީސް ސަލާމް އަލްމަރްޔާތީ ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ ޝަރުއީ ދާއިރާގެ މަތީ ފަނޑިއަށް މުސްލިމުން ވަނުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ. މިއީ އެމެރިކާ ފަދަ މުސްލިމުންނާމެދު ތަފާތުކުރުމުގެ ނުބައި ބޯދާ ވިސްނުން ގެންގުޅޭ ގައުމެއްގައި މުސްލިމުންނަށް ލިބުނު ކުރިއެރުމެއްކަމަށާ މިއީ މުސްލިމުން އުފަކުރަންޖެހޭ ތާރީޚީ ކަމެއްކަމަށް އަލްމަރްޔާތީ ވަނީ ސިފަކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް