ޖީ 7ގެ ގައުމުތަކުން ދުނިޔޭގެ ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިންގެ އެއް ބިލިޔަން ޑޯޒު ދެނީ

އިނގިރޭސިވިލާތުގެ ކޮންވޯލް ގައި ޖީ 7 ގެ ގައުމުތަކުގެ ލީޑަރުން ފޮޓޯއަކަށް ހުއްޓިގެން

ކޮންވޯލް (ޖޫން 12) : އިނގިރޭސިވިލާތުގެ ކޮންވޯލްގައި ކުރިޔަށްދާ ސިނާއީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ހުޅަނގުގެ ހަ ގައުމާއި ޖަޕާން ހިމެނޭ ޖީ 7ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އެންމެ އިސްކަން ދެނީ ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށާ ޖީ 7 އިން ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިންގެ އެއް ބިލިޔަން ޑޯޒު ދޭނެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖީ 7ގެ ލީޑަރުންގެ މަޝްވަރާތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެސަމިޓުގައި އެބޭފުޅުންވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔޫ.އެޗް.އޯ) ގެ ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަކަށާއި، އެފްރިކާގެ ގައުމުތަކަށް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ކޮވިޑްގެ އެއް ބިލިޔަން ޑޯޒު ހަދިޔާކުރުމަށް ނިންމާފަ އެވެ. މިކަން ރަސްމީކޮށް އިއުލާން ކުރާނީ ޖީ 7ގެ ސަމިޓ ނިންމާލުމަށްފަހު މާދަމާ ނެރުމަށް ހަމަޖެހިފައިވާ ގުޅިފައިވާ ބަޔާނުގައެވެ.

މި އެއްބިލިޔަން ޑޯޒުގައި އެމެރިކާ ހަދިޔާކުރާ 500 މިލިޔަން ޑޯޒާއި އިނގިރޭސިވިލާތުން ހަދިޔާކުރާ 100 މިލިޔަން ޑޯޒުގެ އިތުރުން ފަރަންސޭސިވިލާތުން ހަދިޔަކުރާ 40 ހާސް ޑޯޒު ހިމެނެއެވެ. މިތިން ގައުމު ފިޔަވައި އެނޫންގައުމުތަކުން ކޮވެކްސް ޕްރޮގްރާމަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާ މިންވަރު އަދި ހާމައެއް ނުކުރެއެވެ.

ޖީ -7 ގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް އާއި އިނގިރޭސި ބޮޑުވަޒީރު ބައްދަލުކުރައްވަނީ

ފަގީރު ގައުމުތަކަށް ކޮވިޑްގެ އެއް ބިލިޔަން ޑޯޒު ހަދިޔާ ކުރުމަށް ޖީ 7ގެ ގައުމުތަކުން ނިންމާފައި މިވަނީ ކޮވިޑް ވެކްސިން މޮނޮޕޮލީކޮށް އެ ވެކްސިން ސިޔާސީ ހަތިޔާރަކަށް ހަދަން މަސައްކަތް ކުރާކަމުގެ ތުހުމަތު ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. ޖީ 7ގެ ގައުމުތައް ވެސް ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ލިސްޓުގައެވެ. ނަމަވެސް މުއްސަނދި ގައުމުތަކުގެ ތެރޭގައި ޖީ 7ގައި ހިމެނޭ ހަތް ގައުމުގެ އިތުރުން ވެސް އެތަށް ގައުމެއް ހިމެނެ އެވެ.

އެމެރިކާ ބުނާގޮތުގައި ޑަބްލިޔޫ.އެޗް.އޯ ގެ ކޮވެކްސް ޕްރޮގްރާމަށް ދޭ 500 މިލިޔަން ޑޯޒަކީ އެގައުމުން ގަންނަ 500 ޑޯޒެވެ. ގަންނަނީ އެމެރިކާއާއި ޖަރުމަނު ގުޅިގެން އުފައްދާ ފައިޒާ-ބަޔޯންޓެކް ވެކްސިން އެވެ. ވައިޓް ހައުސް ބުނާގޮތުން މީގެތެރެއިން 200 މިލިއަން ޑޯޒް ކޮވެކްސް ޕްރޮގްރާމަށް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރު އެވެ. އަނެއް 300 މިލިއަން ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކް ސުލިވާން ވިދާޅުވިގޮތުގައި އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެއްވުމަކީ ބައިޑަން އިސްކަންދެއްވާ ކަމެކެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮވިޑް ކޮންޓްރޯލް ކުރެވިފައިވުމަކީ އެމެރިކާގެ އާއްމު ރައްޔިތުންގެވެސް ރައްކާތެރިކަމާ އަދި ދުނިޔޭގައިވާ އެމެރިކާގެ ސްޓްރެޓީޖިކް މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާތީއެވެ.

ޖީ 7ގެ ގައުމުތަކުން ދުނިޔޭގެ ފަގީރު ގައުމުތަކަށް އެއް ބިލިޔަން ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައިވާއިރު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ދެގައުމު ކަމަށްވާ ޗައިނާއާއި ރަޝިޔާ އިންވަނީ ފަގީރު ގައުމުތަކަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް މާކުރިން ފަށާފައެވެ. އަދި އިންޑިއާ އިންވެސްވަނީ ފަގީރު ބައެއް ގައުމުތަކަށް ހިލޭ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފައްޓާފައެވެ. ނަމަވެސް ދާދިފަހުން އިންޑިއާއަށް ކުރިމަތިވި ކޮވިޑްގެ އައު ރާޅާ ގުޅިގެން އިންޑިއާ ވަނީ މި ޕްރޮގްރާމް މެދުކަނޑާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު