ވިސާ ކާޑު ސެޓްލްމެންޓު ރުފިޔާއިން ހެދުން ފަސްކޮށްފި

ޑޮލަރު އޭޓީއެމް އަކުން ފައިސާ ނަގަނީ -- ފައިލް ފޮޓޯ

ރާއްޖޭގައި ކުރާ ވިސާ ކާޑު ޓްރާންސެކްޝަންތައް ސެޓްލްކުރެވޭނީ ދިވެހި ރުފިޔާ އިން ކަމަށް އެމްއެމްއޭ އިން ނިންމި ނިންމުމަށް އަމަލު ކުުރުން ފަސްކޮށްފި އެވެ.

އެމްއެމްއޭ އިން މިމަހުގެ ތިން ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރީ އެކަން ތަންފީޒުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްކާޑު ޕޭމަންޓް އެކުއަޔާ ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކަށް ދަތުރުކޮށްގެން ކުރަން ޖެހޭ މަސައްކަތްތައް ހިމެނޭތީ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ކޮވިޑް 19-ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އެފަދަ މަސައްކަތްތަކެއް ކުރުމުގައި ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެތީ، އެކަމަށް ރިއާޔަތްކޮށް އެ ބަދަލަށް އަމަލު ކުރުުން 15 އޮގަސްޓަށް ފަސްކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މީގެެ ކުރިން އެ ބަދަލަށް އަމަލު ކުރަން އޮތީ އޭޕްރީލް 15 އިން ފެށިގެންނެވެ.

އެ ބަދަލާއެކު ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަ ނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމައެކަނި ދިވެހި ރުފިޔާއިންނެވެ. އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާ އެވެ.

އެމްއެމްއޭއިން ބުނީ އެ ބަދަލާއެކު ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކްތަކުން ޔޫއެސް ޑޮލަރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަ ވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަންތަކަށް، ކާޑު ދޫކުރާ ބޭންކުން ޕޭމަންޓް ބަލައިގަތުމުގެ ހިދުމަތްދޭ ފަރާތަށް ކަސްޓަމަރުން ހަދާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމު ހަމަޖެހުނީ މިދިޔަ އަހަރުގެ ތެރޭގައި ވިސާއިން ރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފުކުރުމުންނެވެ.

އޭގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާ އިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައި ވަނީ ޔޫއެސް ޑޮލަރުންނެވެ.

ރާއްޖޭގެ ބައެއް މާޗަންޓުން މުދަލާއި ހިދުމަތުގެ އަގު ޑޮލަރުން ބަލައިގަންނަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. މީގެ ސަބަބުން ކާޑު ދޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް ބަލައިގަންނަ ފަރާތަށް ސެޓްލްމަންޓް ހެދުމަށްޓަކައި ޑޮލަރަށް ބަރޯސާވާން ޖެހެ އެވެ.

"ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ހިދުމަތް ރާއްޖޭގައި އަދި ތައާރަފްކޮށްފައި ވަނީ ހަމައެކަނި ވިސާއިން ކަމުން، މި ނިންމުން މި ވަގުތު ހިނގާނީ ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަންޏެވެ.

comment ކޮމެންޓް