އުފަންވާ ކުދިން ހަތް ދުވަސްތެރޭ ރެޖިސްޓާ ނުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ

ކުޑަކުދިންތަކެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަލަށް އުފަންވާ ކުދިން ހަތް ދުވަސް ތެރޭ ރެޖިސްޓާ ނުކޮށްފި ނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާތާ ހަތް ދުވަސް ތެރޭ ކުއްޖާގެ އުފަންވުން ރެޖިސްޓްރީ ކުރުމަށް ކުއްޖާ އުފަންވި ރަށް ނުވަތަ ސިޓީގެ ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

އެގޮތުން ކުއްޖާގެ ފޫޅުމާ ފޯމު ފުރައި ހުށަހެޅުމުން އުފަންވުން ރެޖިސްޓްރީ ކުރުުމަށް ހުށަހެޅުނީ ކަމަށް ބެލެވޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެެ އިތުރުން ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އެ ގައުމެއްގައި އުފަންވާ ކުދިން ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން އޮންނަ ގަވައިދުގެ ތެރެއިން ރެޖިސްޓްރީކޮށް، ކުއްޖާގެ އުފަންވުމާ ގުޅޭ މައުލޫމާތު ހިމެނޭ ރަސްމީ ލިޔުމެއް ހޯދަންވާނެ ކަމަށާއި ރާއްޖޭން ބޭރުގައި އުފަންވި ކުއްޖަކީ އަންމުކޮށް ރާއްޖޭގައި ދިރިއުޅޭ ބަޔަކަށް ލިބުނު ކުއްޖެއް ނަމަ، އެކުއްޖާ ރާއްޖެ އަންނަތާ ހަތް ދުވަސް ތެރޭ ކުއްޖާގެ އުފަންވުން ރާއްޖޭގައި ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވި ކުއްޖެއްނަމަ، ކުއްޖާގެ އުފަންވުން، އެ ކުއްޖާ ދިރިއުޅޭ ގައުމެއްގައި ރެޖިސްޓާ ކުރާ ތާރީހުން ފެށިގެން ހަ މަސް ތެރޭ ރާއްޖޭގައި ރެޖިސްޓްރީ ކުރުމަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖެއް ނުވަތަ ރާއްޖެިއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖެއް އުފަންވާ ތާރީހުން ފެށިގެން ހަ މަސް ތެރޭ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓު ހެދުމަށް ހުށަހަޅަން ޖެހޭނެ އެވެ.

އެ ބިލުގައި ބުނެފައިވާގޮތުން ކުއްޖާ އުފަންވުން ރެޖިސްޓާކުރުން ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުން ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ 10،000 ރުފިޔާ އިން ޖޫރިމަނާ ކުުރެވެނެ އެވެ.

މިހާރު އަމަލުކުރާ އުފަންވުން ރެޖިސްޓްރީ ކުރުމާ އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމާ މަރުވާ މީހުންގެ މަރު ސާބިތު ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ރާއްޖޭގައި ކުއްޖަކު އުފަންވާތާ ބަންދު ނޫން ހަތް ދުވަސް ތެރޭ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓު ހައްދަން ހުށަހަޅަން ޖެހެ އެވެ. އަދި އުފަންވުން ރެޖިސްޓްރީ ކުރުމަށޤ ފޫޅުމާފޯމު ހުށަނާޅައިފި ނަމަ އެކަމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތް ފަސް ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވާ އިތުުރުވާ ކޮންމެ ދުވަހަކަށް އެއް ރުފިޔާ އިތުރު ވާނެ ކަމަށް ބުނެފައި ވެއެވެެ.

އެ ގާނޫނަކީ 1992 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް