މުއިއްޒު ދެއްކެވި ވަހަކަތައް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޮގުކޮށްފި

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓީ/ ސިޓީ ކައުންސިލް

މި ހަފްތާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައުލޫމާތު ހޯދަން މަސައްކަތްކުރި ކަމަށާއި ނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެ މައުލޫމާތު ނުދޭ ކަމަށެވެ. އަދި އެ ކުންފުންޏާ ބައްދަލުކުރުމަށް މަސައްކަތް ކުރި ކަމަށާއި އެކަންވެސް ނުވާ ކަމަށާއި, ފޯނުކޯލުތަކާއި ސިޓީތަކާށް ޖަވާބުވެސް ނުދޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް ޑރ. މުއިއްޒުގެ ފަރާތުން ލިބިފައިވަނީ 24 އޭޕްރިލް ގައި އިންތިހާބީ މޭޔަރުގެ ހައިސިއްޔަތުން ފޮނުވި ސިޓީއެއް ކަމަށާއި އޭގައި ހުރީ ކޮށްފައިވާ އިލްތިމާސްތަކެއް ކަމަށެވެ.

"މި ސިޓީއިން އެއްވެސް މައުލޫމާތަކަށް ނުވަތަ އެއްވެސް ރައްދަކަށްވެސް އެދިވަޑައިގެންފައިވެސް ނުވެއެވެ," އެފްޑީސީގެ ބަޔާނުގައި ވެއެވެ.

އެކުންފުނިން ބުނީ މާލެ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ކަމަކާ ގުޅޭ މައުލޫމާތަކާ ގުޅިގެން އެ ކޯޕަރޭޝަނާ މުއާމަލާތްކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް ކަމަކާ އެދިގެން އެ ކުންފުނިން އިންކާރުކޮށްފައިވެސް ނުވާނެކަމަށް އެކުންފުނިން ބުންޏެވެ.

"ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް މި ކޯޕަރޭޝަނުން އެކި ކަންކަމުގައި ފުރުސަތު ދީފައިނުވާކަމަށާއި އެއްބާރުލުން ދީފައިނުވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ އެކަން ހިނގައިދިޔަގޮތް ނޫންކަމުގައި ދަންނަވަމެވެ. އަދި މިކަން މާލެ ސިޓީގެ ރައްޔިތުންނަށް ސާފުކޮށްދެމެވެ," އެފްޑީސީން ނެރުނު ބަޔާނުގައި ވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެ ކުންފުނިން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން, ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ.

comment ކޮމެންޓް