އަލީ ވަހީދުގެ ފަރުވާއަށް ދިން މުއްދަތު ހަމަވެއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް، ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެއްޖެ އެވެ.

ފަރުވާއަށް ދިން މުއްދަތު ހަމަވި އިރު، އަލީ ވަހީދު މިވަގުތު ހުރި ތަނެއް ސާފެއް ނޫނެވެ.

ޓޫރިޒަމްގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ނަމަވެސް އަލީ ވަހީދު ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހު އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޮށްފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރީ މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަލީ ވަހީދާ ޖާމިނުވުމުންނެވެ.

އަލީ ވަހީދަކީ މީގެ ކުރިންވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސްއެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެކެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

ޖާމިނުވާ މީހާ އިގުރާރުވަނީ ބަންދުގައިހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެ ކަމަށާއި އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން އަދި ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ.

ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެ އެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، އޭނާއަށް ޖާމިނުވި މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، ނުވަތަ ބަންދުން ދޫކުރެވިފައިވާ މީހާ ފިލައިފިނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންޖެހޭނެ އެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

ޖާމިނުވުމުގެ އެއްބަސްވުމާ ހިލާފުވެފައި ވާތީ އަޑުބަރޭގެ މައްޗަށް ޖަލު ހުކުމެއް އިއްވައިދޭން އެދުމަށް ދައުލަތުން ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

comment ކޮމެންޓް