އަނދުން ހުސައިންގެ ބަދަލުގައި 241 ކޮމިޓީއަށް އިންތި ހަމަޖައްސައިފި

އޮކްޓޫބަރ 21، 2020: އިމްތިޔާޒް ފަހުމީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސައިފި އެވެ.

އެ ކޮމިޓީއަށް އިންތި ހަމަޖައްސާފައި ވަނީ އެ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ހިމެނިވަޑައިގެންނެވި މެމްބަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ބަދަލުގަ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ގެނައި ބަދަލު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އާންމުކުރައްވައިފަ އެވެ. އެއާއެކު މިހާރު ކޮމިޓީގައި ތިއްބަވާނީ:

1. މުހައްމަދު އަސްލަމް (ހިތަދޫ އުތުރު ދާއިރާ) - މުގައްރިރު

2. ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ) - ނައިބު މުގައްރިރު

3. އަލީ ނިޔާޒް (ހުޅުމާލެ ދާއިރާ)

4. އީވާ އަބްދުﷲ (ގަލޮޅު އުތުރު ދާއިރާ)

5. އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

6. އާދަމް ޝަރީފް (މަޑުއްވަރި ދާއިރާ)

7. އަބްދުﷲ ރިޔާޒް (ތިމަރަފުށި ދާއިރާ)

8. މުހައްމަދު ޣައްސާން މައުމޫން (ތ. ގުރައިދޫ ދާއިރާ)

9. އިލްޔާސް ލަބީބު (ހުޅުދޫ ދާއިރާ)

10. އަހްމަދު ސިޔާމް މުހައްމަދު (މީދޫ ދާއިރާ)

11. ސައުދު ހުސައިން (ވިލިނގިލި ދާއިރާ)

12. ހިސާން ހުސައިން (ތުޅާދޫ ދާއިރާ)

13. އިމްތިޔާޒު ފަހުމީ (މާފަންނު އުތުރު ދާއިރާ)

މަޖިލީހުގެ 241 ކޮމިޓީއަށް ބަދަލުގެނެސްފައި ވާއިރު، އެ ކޮމިޓީން މިވަގުތު އަންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝިދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިންކުއަރީއެއް ހިންގަމުންނެވެ.

އެ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާކަމަށް ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީ މަޖިލިސް މެމްބަރުން ދަނީ ބުނަމުންނެވެ.

އިންކުއަރީގެ ސްކޯޕް:

  • ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.
  • ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން
  • ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުން ދިޔަ ގޮތް ދެނަގަތުން.
  • ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
  • ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

އެ އިންކުއަރީއާ ގުޅިގެން މިހާތަނަށް، ފުލުހުންނާއި ސިފައިންގެ އިސްވެރިންނާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

comment ކޮމެންޓް