ހުޅުމާލޭގެ ތިން ނެއިބަހުޑްގައި ހެދިކާ ޓެންޓު ތަރައްގީކުރަނީ

ހުޅުމާލެ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހެދިކާ ވިއްކާ ސްޓޯލްތައް ބަހައްޓާނެ ތިން ޓެންޓެއް ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ތަރައްގީ ކުރަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭގައި ހުންނަ ހެދިކާ ވިއްކާ ޓެންޓުތަކަކީ ގިނަ ބަޔަކަށް އާމްދަނީ ހޯދުމަށް މަގުފަހިވި އަދި އާންމުންގެ މެދުގައި ވެސް މަަގުބޫލުކަން ހޯދާފައިވާ ތަންތަން ކަމަށެވެ. ޓެންޓުތައް ބަހަލައްޓައި، މަރާމާތުކޮށް، ހިދުމަތް ދިނުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ހޯދުމަށް ފަސޭހައަކަށް ހެދިކާ ޓެންޓުތައް ބަހައްޓާނެ ރޫފް ޝެލްޓާތައް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

ޓެންޓުތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެ ނެއިބަހުޑް 1، 2 އަދި 3ގައި ވެސް މިފަދަ ޝެލްޓާތަރައް ތަރައްގީ ކުރާނެ ކަމަށާއި ޖުމްލަ 30 ފަރާތަކަށް އެ ޝެލްޓާ ތަކުގައި ހިދުމަތް ދެވޭނެ ކަމަށެވެ.

ހެދިކާ ވިއްކުމުގެ އިތުރުން އެ ތަންތަނުގައި އޯޕަން އޭރިއާ އާއި ކުޑަކުދިން ކުޅޭ ސަރަހައްދުގެ އިތުރުން ޑަސްބިނާއި ބެންޗުވެސް ބަހައްޓާނެ ކަމަށް ބުންޏެވެ.

ޓެންޓުތަކުގެ މަސައްކަތް ކުރާނީ އެޗްޑީސީގެ ހަރަދުގައި އެ ކުންފުނީގެ މުވައްޒަފުންނެވެ.

comment ކޮމެންޓް