ޣައްޒާ އަލުން އާރާސްތު ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ބަރު މެޝިނާއި ވެހިކަލް މިސްރުން ފޮނުވައިފި

މިސްރުގެ ބުލްޑޯޒާތައް ޣައްޒާއަށް ވަންނަނީ

ޣައްޒާ (ޖޫން 6) : އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އެންމެފަހުން ވައިގެ މަގުން ދިން 11 ދުވަހުގެ އުދުވާނީ ޙަމަލާތަކުގައި ލިބުނު މާއްދީ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ޓަކައި އެސަރަހައްދު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ބަރު މެޝިނާއި ވެހިކަލްތައް މިސްރުން ޣައްޒާއަށް ފޮނުވައިފި އެވެ.

މިސްރުގެ ރަސްމީ ޓީވީ ބުނި ގޮތުގައި މިސްރުން ޣައްޒާ އަށް ވަނީ ބުލްޑޯޒަރާއި ކެރޭނާއި ލޮރީއާއި އެނޫން ވެސް ބަރު މެޝިންތަކާއި ވެހިކަލްތައް ހިމެނޭ ގޮތަށް 50 އުޅަނދު ރަފްހު ބޯޑަރު ހުރަސްކޮށް ފޮނުވައިފަ އެވެ. ޣައްޒާއާއި މިސްރު އެއްގަމު މަގުން ގުޅިފައިވާ ސަރަހައްދީ ރޮނގަކީ ރަފްހު ބޯޑަރު ސަރަހައްދެވެ. މިއީ އިސްރާއީލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއް ނޫންކަމުން މިބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެކުރާ އެއްވެސް އެއްޗަކަށް ހުރަސްއެޅުމުގެ ފުރުސަތު އިސްރާއީލަކަށް ނޯވެ އެވެ.

މިސްރުގެ ކެރޭންތައް ޣައްޒާއަށް ވަންނަނީ

ކުރިއާ ޚިލާފަށް މިހާރު މިސްރުން ގެންދަނީ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އިސްރާއީލުގެ އުދުވާނުގައި ޒަޚަމްވި ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިސްރު ސަރުކާރުގެ އެހީގައި މިސްރަށް ގެންގޮސް މިސްރުގެ ހޮސްޕިޓަލްތަކުގައި ފަރުވާދޭން ފެށުމާއި ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި ސިއްޙަޔާބެހޭ ސާމާނު ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން މިސްރުން ވަނީ ޣައްޒާއަށް ތެލާއި ކާބޯތަކެތީގެ ޝިޕްމަންޓްތަކެއް ވެސް ފޯރުކޮށްދީފަ އެވެ. އިސްލާމީ ގައުމުތަކުގެ މުސްލިމުންނާއި އިސްލާމީ ނޫން ގައުމުތަކުގެ މުސްލިމުން ޣައްޒާގެ ރައްޔިތުންނަށް ފޮނުވަމުން ގެންދާ އެހީގެ ތަކެތި ވެސް ޣައްޒާއަށް އެތެރެކޮށްދެނީ މިސްރުންނެވެ. މިއީ ކުރިން މިހާ ފަސޭހައިން މިސްރުން ކޮށްދޭކަންކަމެއް ނޫނެވެ.

މިސްރުން ފަލަސްތީނަށް އެހީވުމަށް އަދާކުރަމުން ގެންދާ މިދައުރުގެ ސަަބަބުން ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގައި މިސްރު ބާކީވެ، އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އައިސް މިސްރުގެ ހައިބަތާއި ނުފޫޒުވަނީ އަލުން ފާޅުވާން ފަށައިފަ އެވެ.

ޣައްޒާގައި ތިބި ބަލިމީހުންނާއި ޒަަޚަމްވެފައިވާ މީހުން މިސްރަށް ގެންދިޔުމަށް މިސްރުގެ އެންބިއުލަންސްތައް ރަފްހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަންނަނީ

މިސްރުން ޣައްޒާ އަށް ފޮނުވި ބުލްޑޯޒަރާއި ކެރޭނާއި ލޮރީއާއި އިމާރާތް ކުރުމާބެހޭ އެނޫން ވެސް ބަރު މެޝިންތައް އެންމެ ފުރަތަމަ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ބައިތައް ނަގައި ޣައްޒާގެ މަގުތަކާއި އަވަށްތައް ސާފުކުރުމަށެވެ. އެއަށް ފަހު އިސްރާއީލުން ވައްޓައި ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ބަދަލުގައި އައު އިމާރާތްތައް ބިނާކުރުމުގެ މަސައްކަތުގައި ވެސް މިތަކެތި ބޭނުން ކުރެވޭނެ އެވެ.

ޣައްޒާ އަލުން ބިނާކޮށް އިމާރާތް ކުރުމަށް މަދުވެގެން ދެ ބިލިޔަން ޑޮލަރު ބޭނުންވާއިރު މިސްރުން ވަނީ 500 މިލިޔަން ޑޮލަރު އެކަމަށް ހޭދކުރާނެކަމަށް ބުނެފަ އެވެ. އަރަބި ގައުމެއްކަމަށްވާ ގަތަރުން ވެސް ވަނީ 500 މިލިޔަން ޑޮލަރު ޣައްޒާ އާރާސްތުކުރުމުގެ ޕްރޮގްރާމަށް ދޭން ނިންމިކަން އިއުލާން ކޮށްފަ އެވެ.

ޣައްޒާއަށް ބޮންއަޅައި އިސްރާއީލުން ވަނީ 600 އަށް ވުރެ ގިނަ އިމާރާތް ހަލާކުކޮށްލައިފަ އެވެ. މީގެ ތެރޭގައި އެއްކޮށް ވައްޓައި ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކާއި ދެބައިކުޅަ އެއްބައި ހަލާކުކޮށްލާފައިވާ އިމާރާތްތަކާއި ބޮޑު މަރާމާތެއް ކޮށްގެންނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ އިމާރާތްތައް ހިމެނެ އެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ 80،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިގެން ގޮސްފަ އެވެ. ގެދޮރުގެ އިތުރުން އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެޕާޓްމަންޓް ބިލްޑިންގް ތައްވެސް އިސްރާއީލުން ވަނީ ހަލާކުކޮށްލާފަ އެވެ.

އިސްރާއީލުން 11 ދުވަސްވަންދެން ޣައްޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 278 މީހުން ޝަހީދުކޮށް 1800 އަށް ވުރެ ގިނަމީހުންވަނީ ޒަޚަމްކޮށްލާފަ އެވެ. ރައްދުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އެނޫން ވެސް ޖަމާއަތްތަކުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގައި އިސްރާއީލުގެ 13 މީހަކު މަރުވެ، 600 އަށް ވުރެ ގިނަމީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި އިސްރާއީލަށް ވަނީ ދެ ބިލިޔަން ޑޮލަރުގެ މާއްދީ ގެއްލުންތައް ލިބިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް