އެޗްޑީސީ އިން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް އެކުލަވާލަނީ

އެޗްޑީސީ-- ފައިލް ފޮޓޯ

އެޗްޑީސީ އިން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް އެކުލަވާލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ އަކީ ހުރިހާ ގޮތަކުން ވެސް ކުރިއަރާފައިވާ އަވަށަކަށް ހަދާ ސްމާޓް ސިޓީއެއްގެ ކުލަ ޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މުޖުތަމައަށް ފައިދާ ހުރި ފަންނީ ދާއިރާތަކުން މީހުން ބިނާކޮށް އެ ފަރާތްތަކަށް ހުރި ފުރުސަތުތައް އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެ މަސައްކަތުގެ ދަށުން ސޮފްޓްވެއާ ޑިވެލޮޕަރުންގެ ޕޫލެއް އެކުލަވާލަނީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރިކުރުމަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެ މަސައްކަތަކީ އެޗްޑީސީގެ ހިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ "ގޯ ބިޔޯންޑް ހުޅުމާލޭ"ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ މަސައްކަތެއް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ ކޯޕަރޭޝަނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ސޮފްޓްވެއާ ޑިވެލޮޕަރުންނަށް އޮންނާނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޕޫލް އެކުލަވާލުމުގެ ޓީއޯއާރަށް އަށް ޕްރޮޕޯސަލް ހުށަހެޅުމުގައި އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިން ކަމުގައި ވާންޖެހޭނެ ކަމަށެވެ. ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނިދާނެ ކަމަށް ވެސް ބުންޏެވެ.

އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖޫންގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް