އިންޑިއާ ކޮންސިއުލޭޓުން ރާއްޖެއަށް ވެސް އައްޑޫއަށް ވެސް އޮތީ ފައިދާ: ނަޝީދު

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

އައްޑޫ ސިޓީ ގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމުން ރާއްޖެ އަށްވެސް އަދި އައްޑޫ އަށް ވެސް ލިބެން އޮތީ ފައިދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ވިސްނުމަކީ އަބަދު ވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ.

"އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް. އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ ސަބަބުން އައްޑޫ އަށްވެސް އަދި ރާއްޖެ އަށް ވެސް ލިބެން އޮތީ ފައިދާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރަން ނިންމީ އިންޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގަ އެވެ. އެ ނިންމުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ރާއްޖެއިން ވަކި ގޮތެއް ރަސްމީކޮށް ނުނިންމާ ކަމަށް ވެސް ރައީސް މީގެ ދެ ހަފްތާ ކުރިން ވިދާޅުވި އެވެ.

އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރަން ނިންމުމުން އައްޑޫ އަށް ނިސްބަތްވާ ބައެއް މީހުންނާއި ދިވެހި އެހެން ރައްޔިތުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ކޮންސިއުލޭޓަކުން ގެނެވޭނެ ތަރައްގީ އެއް ނޯންނާނެ ކަމަށް ބުނެ ދަނީ އިންޑިއާގެ ނިންމުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ވެސް ކުރަމުންނެވެ.

comment ކޮމެންޓް