އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު ކުދިންނަށް ފައިޒާ ވެކްސިން ކާމިޔާބު ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިޔުލޭޓާ، މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިޔުލޭޓަރީ އެޖެންސީ އިން ކުރިއަށްގެންދިޔަ ޓްރަޔަލްސްތަކަށް ފަހު، އެ އިދާރާ އިން ބުނެފައި ވަނީ ފައިޒާ ވެކްސިން އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ދޭން ފެށުމާ މެދު ގޮތެއް ނިންމާނީ އެގައުމުގެ ވެކްސިން އެންޑް އިމިޔުނައިޒޭޝަން ކޮމެޓީ އިން ކަމަށެވެ.
ޔޫކޭގެ މެޑިސިންސް ރެގިޔުލޭޓާ އިން ބުނެފައި ވަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ރައްކާތެރިތޯ ބެލުމަށް ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރަޔަލްސްތައް ކާމިޔާބު ކަމަށެވެ.
އެ ޓްރަޔަލްސްތަކުގައި 2،000 ކުދިން ބައިވެރިކުރި އިރު ވެކްސިންގެ ފަހުން އެ ކުދިންގެ ގައިން އެންޓިބޮޑީޒް ފެންނަ މިންވަރު ހުރީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންގެ ގައިން އެންޓިބޮޑީޒް ފެންނަ މިންވަރަށް ކަމަށާއި އެއީ ލިބުނު ކާމިޔާބީ އެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން އެމެރިކާގައި ވަނީ ފަށައިފަ އެވެ. ޖަރުމަނާއި ފްރާންސް އިން ވެސް ދަނީ އެ އުމުރުގެ ކުދިންނަށް އެ ވެކްސިން ދޭން ފަށަން ތައްޔާރުވަމުންނެވެ.