ވިސާ ހަމަވެ، ޕާކިސްތާނުން ބޭރު ނުވެވިގެން މިސްބާހު އެމްބަސީއަށް ދިޔަ

މިދިޔަ އޭޕްރީލް މަހުން ފެށިގެން ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރި މިސްބާހު މުހައްމަދު (25އ)، ވިސާ ހަމަވެގެން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު ގެއްލިގެން ފުލުހުން ހޯދަން އިއުލާން ކުރީ މިދިޔަ މަހު 14ގައި އެވެ. އޭގެ ފަހުން ފުލުހުން ބުނެފައިވަނީ، އޭނާ ފުރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ދުބާއިއަށް ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖެ އައިސްފައި ނުވާ ކަމަށް އިމިގްރޭޝަނާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ތަފްސީލެއް ހޯދުމަށް "ސަން"އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، އޭނާ ރާއްޖެއިން ފުރި އަސްލު ތާރީހަކީ، މިދިޔަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 10:13 ގައި ކަމަށެވެ. އަދި އޭނާ ފުރަތަމަ ފުރީ ދުބާއިއަށް ކަމަށާއި އޭގެ ފަހުން ޕާކިސްތާނަށް ފުރި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ، ވިސާ ހަމަވެ ޕާކިސްތާނުން ބޭރުނުވެވިގެން މިދިޔަ މާޗު މަހުގެ މެދު ތެރޭގައި މިސްބާހު އެމްބަސީއަށް ދިޔަ ކަމަށެވެ.

މިއުވާން ވިދާޅުވީ މިސްބާހުގެ ހާލަތާ ގުޅެގޮތުން އެމްބަސީއާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެމްބަސީގެ ފަރާތުން އެހީތެރިކަމަކަށް ވެސް އެދިފައި ނުވާ ކމަށެވެ.

ވިސާ ހަމަވުމުން ދެން އަމަލުކުރަންޖެހޭ ގޮތް މިސްބާހަށް ކިޔައިދިން ކަމަށާއި، އޭގެ ފަހުން މިސްބާހުގެ ހަބަރެއް ނުވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ފުލުހުން ރޭ ބުނީ، މިސްބާހު ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާއެކު ކަމަށެވެ.

ދުބާއީއަށް ފުރިތާ 11 ދުވަސްފަހުން ނޮވެމްބަރު 22ގައި އެމިރޭޓްސްގެ ފްލައިޓަކުން އިރުފާންވަނީ ރާއްޖެ އައިސްފަ އެވެ. ނަމަވެސް އިރުފާންއާއެކު މިސްބާހު ރާއްޖެ އައިސްފައި ނުވެ އެވެ.

އިރުފާން ރާއްޖެ އައި ފަހުން، 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

އެހެންކަމުން، މިސްބާހް ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް