ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ރެއާލްމެޑްރިޑްގެ ކޯޗުކަމުން މިދިޔަ ހަފުތާ ވަކިވާން ޖެހުނީ ކުލަބުން އޭނާއަށް އޮތް އިތުބާރު ގެއްލިފައިވާކަން އަމިއްލައަށް ފާހަގަވުމުން ކަމަށް އެޓީމުގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
ރެއާލަށް ނިމިގެން ދިޔަ ވާދަވެރި ސީޒަނުގެ ލީގު ގެއްލުނީ ފަހު މެޗުގަ އެވެ. އެއާއެކު ޒިދާން ރެއާލް ދޫކޮށްލަން ޖެހުނީ 2011 ގެ ފަހުން ރެއާލް ފުރަތަމަ ފަހަރަށް ހުސްއަތާ ސީޒަނެއް ނިންމާލަން ޖެހުނު ފަހަރު އެވެ. ޒިދާން އެންމެ ފުރަތަމަ ރެއާލް ކޯޗުކަމުން ވަކިވީ 2018 ވަނަ އަހަރު ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ޒިދާން އަލުން ރެއާލާ ހަވާލުވީ 2019 ވަނަ އަހަރު މާޗް މަހުގަ އެވެ. އެއީ މަގާމު ދޫކޮށްލިތާ އަހަރެއް ވެސް ނުވަނީހެވެ. އެހެން ނަމަވެސް ޒިދާންގެ ކޯޗުކަމުގައި ފަހަކަށް އައިސް ރެއާލަށް ނަތީޖާ ނުނެރެވި ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައި އޮތް އިރު، ޒިދާން އެކަމުގެ ޒިންމާ ނުނަގައި ބުނީ ޓީމުގެ ކުޅުންތެރިންގެ އަނިޔާގެ މައްސަލަ ގިނަ ކަމަށެވެ.
"ގިނަ ކާމިޔާބީތަކާ އެކު 2018 ވަނަ އަހަރު އަހަރެން ކޯޗުކަމުން ވަކިވީ ކުލަބަށް އިތުރު އެހެން ގޮތަކަށް ކާމިޔާބު ހޯދޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ އުންމީދުގައި އުފަލުން ހުރެ. އެކަމަކު މިފަހަރު އަހަރެން މި ވަކިވީ ކުލަބުން އަހަރެންނަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާކަން ފާހަގަކުރެވުމުން. މިއީ ވޭތުވެ ދިޔަ 20 އަހަރު ކުލަބާ އެކު ކުޅުންތެރިއެއްގެ ގޮތުގައްޔާއި، ކޯޗެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ވެސް ދެކެން ބޭނުންވި ދުވަހެއް ނޫން،" ޒިދާންގެ އިސްތިއުފާ ސިޓީގައި އޭނާ ބުނެފައިވެ އެވެ.
ޒިދާން ބުނީ ރެއާލް ކަހަލަ ބޮޑު ކުލަބެއްގައި މަސައްކަތް ކުރާ އިރު، ތަށި ނުލިބުމަކީ އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކުލަބުން ކުއްލިއަކަށް ފުންމާލަން ގަސްތުކުރީ ސިކުނޑި ހަމަޖައްސާލައި ވަރުބަލިކަން ފިލުވައިލަން ނޫންކަމަށެވެ.