އާ ވޭރިއެންޓާ ގުޅިގެން ވިއެޓްނާމްގެ ސިޓީއެއް އެއްކޮށް ކޮވިޑަށް ޓެސްޓު ކުރަނީ

ވިއެޓްނާމުން ވަނީ ހޯ ޗީ މިން ސިޓީގެ އާބާދީ ކޮވިޑަށް ޓެސްޓު ކުރަން ނިންމާފަ -- ފޮޓޯ: ގެޓީ

ހަނޯއި (މެއި 31): ވިއެޓްނާމުން ކޮރޯނާވައިރަހުގެ އާ ވޭރިއެންޓެއް ފެނިފައި ވަނިކޮށް، އެގައުމުގެ ހޯ ޗީ މިން ސިޓީން ފެނުނު ކޮވިޑްގެ ކްލަސްޓާއާ ގުޅިގެން އެ ސިޓީގައިި ދިރިއުޅޭ އެންމެން ކޮވިޑް-19އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.

ވިއެޓްނާމުން ކޮރޯނާވައިރަހުގެ އާ ވޭރިއެންޓެއް ފެނިފައިވާކަން އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އެއީ އިނގިރޭސިިވިލާތުން ފުރަތަމަ ފެނުނު ވޭރިއެންޓާއި އިންޑިއާއިން ފުރަތަމަ ފެނުނު ވޭރިއެންޓާ އެއްގޮތް ކަންތައްތައް ހުރި، ވަރަށް ނުރައްކާތެރި ބާވަތެއް ކަމަށް ސިފަކޮށްފަ އެވެ. އަދި އެއީ ވައިގެ ޒަރިއްޔާއިން ވަރަށް އަވަހަށް ފެތުރޭ ވޭރިއެންޓެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ ފަހުން، ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީގެ އާބާދީ ކޮވިޑަށް ޓެސްޓު ކުރަން އެގައުމުން ނިންމީ އެ ސިޓީން ފެނުނު ކްލަސްޓާ އަކާ ގުޅިގެންނެވެ. ނަސާރާ ދީނީ ހަރަކާތަކާ ގުޅުން ހުރި އެ ކްލަސްޓާއިން މިހާތަނަށް 125 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި އެ ކްލަސްޓާއާ ގުޅުން ހުރި މީހުން މިހާރު ޓެސްޓުކޮށް، ކަރަންޓީނުކޮށްފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުންޏެވެ.

ހޯ ޗީ މިން ސިޓީގެ އާބާދީ 13 މިލިއަނަށް އަރަ އެވެ. އަދި ދުވާލަކަށް 100،000 މީހުން ޓެސްޓު ކުރަމުންދާ ނަމަ އެންމެން ޓެސްޓުކޮށް ނިންމަން ހަތަރު މަސް ނަގާނެ އެވެ.

މީގެ އިތުރުން ހޯ ޗީ މިންގައި ގައިދުރު ކުރުމުގެ ފިޔަވަޅުތައް މިއަދުން ފެށިގެން 15 ދުވަސް ވަންދެން ވަރުގަދަކޮށް، 10 މީހުންނަށް ވުރެ ގިނަ މީހުން ބޭރުގައި އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ފިހާރަތަކާއި ރެސްޓޯރެންޓުތައް ބަންދުކޮށް، ދީނީ ހަރަކާތްތަކަށް އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

މިދިޔަ އަހަރު، ޗައިނާއިން ބޭރުގައި ކޮވިޑް ފެތުރުމާ އެކު ވިއެޓްނާމުން އެގައުމުގެ ރައްޔިތުން ފިޔަވާ އެހެން މީހުން އެގައުމަށް ދިޔުން މަނާ ކުރި އެވެ. އަދި އެގައުމަށް އެނބުރި ދާ އެންމެން ޓެސްޓުކޮށް، ކަރަންޓީނު ކުރި އެވެ. އަދި ކޮންޓެކްޓް ޓްރޭސިން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންގޮސް، އެހެން ގައުމުތަކަށް ވުރެ ކާމިޔާބުކޮށް ކޮވިޑް ކޮންޓްރޯލް ކުރި އެވެ.

ވިއެޓްނާމްގައި ކޮވިޑްގެ އިތުރު ރާޅެއް ފެތުރުން ހުއްޓުވުމަށް އެގައުމުން ވެކްސިން ޖަހާ މިންވަރު އިތުރު ކުރުމަށް ގިނަ ބަޔަކު ދަނީ ޕްރެޝަރު ކުރަމުންނެވެ. އެގައުމުން މިހާތަނަށް ވެކްސިން ޖަހާފައި ވަނީ އާބާދީގެ އެއް ޕަސެންޓަށެވެ.

comment ކޮމެންޓް