އަޒޯނާގެ އެޕިސޯޑުތައް މިހާރު ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑުގައި

އަޒޯނާގެ އެޕިސޯޑެއްގައި އައްޒަ --

ދިވެހި ސިނާމާގެ އެންމެ މަގުބޫލު އެއް ބަތަލާ އަކީ މަރިޔަމް އައްޒަ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ވީޑިއޯ ލަވަތަކުން މަގުބޫލުކަން ހޯދި އައްޒަ އަކީ މި ފާއިތުވި ދެތިން އަހަރުގެ ތެރޭ ދިވެހި ސިނަމާގައިވެސް އެންމެ ބިޒީކޮށް އުޅުނު ތަރި އެވެ. އައްޒަގެ ހުނަރު ފެންނަނީ ހަމައެކަނި އެކްޓިން އަކުން ނޫނެވެ. ޓޯކް ޝޯ ހޮސްޓަކަށްވެސް އައްޒަ އަކީ ހަމަ އެއްވަނަ އެވެ.

މީގެ ކުރިން އައްޒަގެ އަމިއްލަ ޓޯކް ޝޯ ޓީވީ ޗެނަލަކުން ދެއްކި އެވެ. މަގުބޫލު އަދި މަޝްހޫރު ގިނަ މޫނުތަކެއް އެ ޝޯ އިން ފެނުނުއިރު، އެ ފަންނާނުންނާ ގުޅޭ ގިނަ ވާހަކަތަކެއް އެނގުނު ޝޯ އަކަށް އައްޒަގެ "އަޒޯނާ" ވި އެވެ.

އަނެއްކާވެސް "އަޒޯނާ" ގެ މުޅިން އާ އެޕިސޯޑުތަކެއް ވަނީ ދައްކަން ފަަށައިފަ އެވެ. މިފަހަރު އައްޒަގެ ޝޯ ދައްކަނީ ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑު އިންނެވެ.

ކޮންމެ ހޯމަ އަދި ބުދަ ދުވަހަކު އަޒޯނާގެ އާ އެޕިސޯޑެއް ރިލީސްކުރެވޭނެ އެވެ. ދިރާގުޓީވީ އަދި ދިރާގު ޕްލޭ އެޕްލިކޭޝަންގެ ވީއޯޑީ އިން މިހާރުވެސް އެ ޝޯގެ ހަ އެޕިސޯޑު ފެންނާނެއެވެ.

އައްޒަގެ ދައްތަ ރިޝްމީ ރަމީޒުގެ ފިރިމީހާ އަދި ފިލްމީތަރި ރަވީ ފާރޫގާއެކު މިފަހަރުގެ ސީޒަން ފެށިއިރު ހަދީޖާ މުހައްމަދު (ކުޑަ ހައްޖަ)، ހަސަން އިރުފާން (ޒަކިއްޓެ)، ޒީނަތު އައްބާސް އަދި ޝަމްއޫނު މުހައްމަދު (ޝައްމު) އާއި ފާތިމަތު ސަރާ އާދަމް (ޝަރާ) ގެ ވާހަކަތައް މިހާރު ބަލާލެވޭނެ އެވެ.

ފަންނާނުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ދާއިރާގެ މަސައްކަތްތަކާ ގުޅުންހުރި ވާހަކަތަކާއެކު މަޖާ އެތައް ވާހަކަތަކެއް އަޒޯނާ ޝޯ އިން ބެލުންތެރިންނާ ހިއްސާކުރެއެވެ.

އެ ޝޯ އާ ގުޅޭގޮތުން ވާހަކަ ދައްކަމުން އައްޒަ ބުނީ، އަޒޯނާ އަކީ ފަންނާނުނާ ގުޅޭގޮތުން މީގެ ކުރިން ބެލުންތެރިންނަށް ނޭނގޭ ގިނަ ވާހަކަތަކެއް އިވޭނެ ޝޯ އެއް ކަމަށެވެ. އިންޓަރެކްޓިވް ގިނަ ގޭމްތަކާ މަޖާ ވާހަކަތަކާއެކު އަޒޯނާގައި ފަންނާނުންގެ ދަތުރުގެ ވާހަކަ ދައްކާނެ އެވެ. އަމިއްލަ ދިރިއުޅުމާއި، ޕްރޮފެޝަނަލް ދިރިއުޅުމުގެ ކާމިޔާބީތަކާއި ވެއްޓުންތަކުގެ ގިނަ ވާހަކަތަކެއް ބެލުންތެރިންނަށް އެނގިގެންދާނެ އެވެ.

މިފަހަރުގެ އަޒޯނާ ޝޯގެ 15 އެޕިސޯޑު ދައްކާއިރު އެ ހުރިހާ އެޕިސޯޑެއްގެ ޑައިރެކްޝަން ހަދައިދިނީ އައްޒަގެ ދައްތަ، ފިލްމީ ތަރި ރިޝްމީ ރަމީޒެވެ. މުޅި ޕްރޮޖެކްޓު މެނޭޖުކުރީ އައްޒަގެ ފިރިމީހާ، ފިލްމީތަރި މުއާޒު އެވެ. މީގެ އިތުރުން ޓެކްނިކަލް އެހީތެރިކަން ލައިޓްއައުޓްސް އިން ދިން އިރު ރަވީގެ ފަރާތުންވެސް ޕްރޮޖެކްޓަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް އައްޒަ ބުންޏެވެ.

އަޒޯނާގެ މިފަހަރުގެ އެޕިސޯޑުތަކުގައި އައްޒަގެ މޭކަޕް އެންޑް ލުކް އަކީ ސޭންޑީގެ މަސައްކަތެވެ. ކޮސްޓިއުމް އަކީ ސޭންޑީ އާއި ރަޒީގެ ހުނަރެވެ.

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑުން އަޒޯނާގެ އެޕިސޯޑުތައް މިހާރު ބަލާލެވޭއިރު، މިހާތަނަށް ވެސް ބެލުންތެރިންގެ ފަރާތުން ލިބޭ ތަރުހީބު އައްޒަ ފާހަގަ ކުރި އެވެ. ހިތްހަމަ ޖެހިގެން ކުރެވުނު މަސައްކަތެއްގެ ގޮތުގައި އައްޒަ މި މަސައްކަތް ފާހަގަ ކުރެ އެވެ.

ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ހުރެގެން ބަލައިލުމުގެ ފުރުސަތު ލިބޭ ޒަމާނީ ފީޗާއެކެވެ. ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެހެންނެވެ.

އެގޮތުން ދިރާގު ޓީވީގެ ހޯމް ސްކްރީންގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް އިތުރު ހަރަދަކާ ނުލާ ބަލައިލެވޭނެ އެވެ. މީގެ އިތުރުން ދިރާގު ޕްލޭ އެޕުންވެސް ދިރާގު ޓީވީގެ ވީއޯޑީ ގެ ހުރިހާ ކޮންޓެންޓެއް އިތުރު ހަރަދަކާ ނުލާ ބަލާލެވޭނެއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދިރާގު ޓީވީން ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދޭނެ ކަމަށާއި ދިވެހި އުފެއްދުންތަކަށް ވީއޯޑީ މެދުވެރިކޮށް ފުރުސަތު ފަހިކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް