ޓެރަރިޒަމްގެ ތުހުމަތުގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށްފި

މެއި 13، 2021: --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިޒަމްގެ ތުހުމަތުގައި ހުޅުމާލެ އިން މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފްލެޓް 56-3-07، މުހައްމަދު ޒޫމާލް ޒަރީރު، 29، އެވެ.

އޭނާއަކީ މެއި ހަ ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްކަން ނުވަތަ ނޫންކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރި އިރު ހެކީގެ ގޮތުގައި ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅައިފަ އެވެ. އަދި އޭނާގެ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއް ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގެންގޮސްފަ އެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

ފުލުހުން ކޯޓުގައި ބުނީ، އޭނާ ހައްޔަރުނުކޮށް ދޫކޮށްލާފައި ބަހައްޓައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެ ކަމަށް ފެންނަ ކަމަށާއި އަދި އޭނާގެ ފުށުން ގައުމީ ސަލާމަތަށް ވެސް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށެވެ.

ފުލުހުން ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. ފުލުހުން ބުނީ މުހައްމަދު ޒޫމާލް ޒަރީރުގެ އަތުން ފުލުހުން ގެންދިޔަ ޑިވައިސްތަކުގެ ފޮރެންސިކް އެކްސްޓްރެކްޝަން ކުރިއަށްދާ ކަމަށެވެ.

އޭނާ އަކީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް، ދީނީ ހައްދުފަހަނައެޅި ފިކުރު ފަތުރަން މަސައްކަތް ކުރާ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެގޮތުން އެ ފިކުރު ފަތުރަން ކްލާސްތައް ބާއްވައި، ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމައެއާއެކު ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމަށާއި، ޖިހާދުގެ ނަމުގައި ދިވެހީން ހަނގުރާމައަށް ރެކްރޫޓު ކުރުމާއި ހަނގުރާމައަށް ފޮނުވުމުގައި އޭނާ ހަރަކާތްތެރިވާކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.

އޭގެ އިތުރުން، ގައުމީ ސަލާމަތަށް ނުރައްކާވާ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.

އެ ހަމަލާއާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް