އަންދަލުސްގެ ޕްރިންސް 32

ފްލޮރިންޑާގެ އަނގައިގާ އެއްބައި އޮތްވާ ސުލޭމާން ލޯމަތިން ގެއްލުނެވެ. ފްލޮރިންޑާއާއި ބޮޑުދައިތަ އަހުން ފޭބުމަށްފަހު އިންތިޒާރުކުރަމުން ދިޔައީ އާލްފްގެ ޚަބަރަކަށެވެ. އޭނަގެ ޚިޔާލު ހިތަށް ގެނެވުމުން ހިތް ތެޅިގަނެއެވެ. އެންމެ ފަހުން ތުލައިތާގެ ގަނޑުވަރުގެ ބަގީޗާގައި ބައްދަލުކުރެވުނު ހަދާންތައް އަދިވެސް ސިކުނޑީގައި ބިންވަޅުނެގިފައިވަނީ ނުފިލާނެ ފަދަ ގޮތަކަށެވެ. އެދުވަހު އާލްފް އެތަނުން ދިޔައީ އަޑުތަކެއް އިވިގެންނެވެ. ފްލޮރިންޑާގެ އިންތިޒާރުގައި އަދި ޚިޔާލުގައި މާ ގިނައިރެއްނުވިއެވެ. ސުލޭމާން އަންނަތަން ފެނުނެވެ. ލަދުންގޮސް ސުވާލެއްކޮށްލަން ނުކެރި ހުރެވުނީއެވެ.

"އެކަކުވެސް އެކިއްލާއަކު ނެތް..." އޭނަ އިއްވައިލީ ނުބައި ޚަބަރެކެވެ.

"އެމީހުންގެ ފައުޖުތައް ފޮނުވީ އެތަނަކަށް ނޫންކަމުގައި ނުވާނެތަ؟ "

"ކުރިން އެތަނުގައި ތިބިކަން ޔަގީން. ދޮރުފާރަވެރިއެއްގެ ގާތުން އޮޅުން ފިލުވިން. އޭނަ ބުނީ ލުދްރީކް އާލްފްއަށް ސިޓީއަކުން އެންގީޔޯ ގުއާޑްލެޓްއަށް ގޮސް އެމީހުންގެ ފައުޖާއި ގުޅެން..." ސުލޭމާނުގެ ވާހަކައިން ޝޮކެއް ލިބި ފްލޮރިންޑާ އިސްޖެހުނެވެ. އޭނަ ޖަޒުބާތުތައް ފޮރުވަން އިންތިހާއަށް މަސައްކަތްކުރިޔަސް މާޔޫސްކަމުގެ ދާގަނޑު އޭނަ ގެ ގައިގާ އޮޅައިގަތީނުން ހާސްކޮށްލައިފިއެވެ. މިވާގޮތުން ހަގުރާމަކުރިޔަސް އެއްކޮޅުން އޭނަގެ ބައްޕައެވެ. އަނެއް ފަޅީގައި އާލްފްއެވެ. ކާމިޔާބުވާނީ ކޮންފަޅިއަކަށް ކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ދެމީހުންނަކީ އޭނަގެ ހިތުގައި ބަޔާން ނުކުރެވޭފަދަ ލޯބި ލިބިގެންވާ ދެ ފަރާތެވެ. ސުލޭމާންއަށް އޭނަގެ ހިތުގެ ހާލަތު ދެނެގަނެވުނެވެ.

"އަހަރެމެން އަވަސްވެގެން ދަތުރުކޮށްފިއްޔާ މަގުމަތިން އާލްފްއާއި ދިމާވުމަކީ އެކަށީގެންވާކަމެއް. ނޫނީ ގުއާޑްލެޓްއިން ޔަގީންކޮށް ބައްދަލުވާނެ. އެޝަހަރަށް ގޮސްފައި އޭނައާއި ބައްދަލުކޮށް ހުރިހާ މައުލޫމާތެއް ގެނެސްދެވޭނެ.." ސުލެއިމާންގެ ވާހަކަތަކުން ފްލޮރިންޑާގެ ހިތަށް ތަސައްލީއެއް ލިބި އުފާވެރިކަން އިހުސާސްކުރެވުނެވެ. އޭނަ އެދުނީ ވީހާވެސް އަވަހަށް ދަތުރުކުރުމަށެވެ. މޭބިސްކަދުރާއި އާފަލު ދަނޑުތައް ހުރަސްކޮށް ދަތުރުކުރަމުން ދިޔައިރު ދަނޑުވެރިންތައް ފެންނަލެއް ދިޔައީ މަދުވަމުންނެވެ.

ދެވަނައަށް ވީ ދުވަހު ދަތުރުކުތރަމުން ދިޔަ ވިލެޖްބަޔަކާއި ދިމާވިއެވެ. އެ ގާފިލާ ދަތުރުކުރަމުން ދިޔައީ ފަހަތުން އަންނަ ދުޝްމިނުންނަށް ފިލަން ދާ ބަޔެއްހެން އަވަސްއަރުވާލާފައެވެ. ފްލޮރިންޑާ ޔަގީންކުރީ އަރަބި ލަޝްކަރާއި ކައިރިއަށް އާދެވިއްޖެކަމުގައެވެ. އަރަބިން ކުރިއަރަމުން އަންނަކަމެވެ. އޭނަ ސުލެއިމާނަށް ނަޒަރު ހުއްޓައިލިއިރު އޭނަވެސް މާ ދުރަށް ސަތަހައަށް ބަލަހައްޓައިގެން ހުއްޓެވެ. ދުރުން ހިރަފުސްގަނޑެއް ފެނުމުން އަރަބިން އަންނަނީކަން ޔަގީންވިއެވެ.

"އަރަބިން ވަރަށް ކައިރިއަށް އަތުވެއްޖެ. އެމީހުންނާއެކު ބައްޕަ ހުންނާނެތަ؟ " އޭނަގެ ހިތް ބާރަށް ތެޅެންފެށިއެވެ.

"އެ އަންނަނީ އަރަބި ލަޝްކަރުހެނެއް ހިޔެއްނުވޭ. އެމީހުން ދަތުރުކުރަނީ އުތުރު ދެކުނަށް.." ސުލެއިމާން ޖަވާބުދިނެވެ. އޭނަ އަވަށްގަނޑު މީހަކު ހުއްޓުވާފައި އެމީހުން ފިލަން ދުވާ ސަބަބަކާއިމެދު ސުވާލުކުރިއެވެ.

"ރަސްގެފާނުގެ ލަޝްކަރު އަންނަތަނެއް ނުފެނޭތޯ؟ އެމީހުން އެ އަންނަ ފަހަރެއްވިއްޔާ އަޅުގަނޑުމެން ފަގީރު މިސްކީނުންނަށް އަހުވަފަށެއް ދައްކައިލާ. ހުރިހާ މޭވާތަކެއް ބިނދެ ގޮވާންތައް ހަލާކުކޮށްލާ. ހަމައެކަނި ދަނޑުތައް ލޫޓުވާލާފައި އެވަރުން ހަމަޖައްސައިލާނެ ނަމަ އެންމެ ރަގަޅު. އެކަމަކު އެމީހުން އަހަރެމެންގެ މީހުންނަށްވެސް ހަމަލާދޭ....." އަވަށުމީހާ އެހެން ބުނެފައި އަވަހަށް އަސް ދުއްވައިލީ އޭނަ ވާހަކަދެއްކި މީހާއަކީ ރަސްގެފާނަށް ތާއީދުކުރާ މީހަކަށްވެއްޖެއްޔާ އޭނަ ހިފާ ހައްޔަރުކޮށްފާނެކަމުގެ ބިރަށެވެ. އެމީހާގެ ވާހަކަތައް އިވި ފްލޮރިންޑާ ހިތާމަކުރިއެވެ. އެ ލަޝްކަރާއެކު ރަސްގެފާނު ހުރިކަން އޮޅުން ފިލުވަން އޭނަ ބޭނުންވިއެވެ.

"ރަސްގެފާނު އެ ލަޝްކަރުގައި ހުރިކަމަށް ލަފާކުރެވޭތަ؟ "

"ވަރަށް ހީވޭ...." ސުލެއިމާން ޖަވާބުދިނެވެ.

ސުލެއިމާންގެ ޖަވާބާއެކު އޭނައަށް އިހުސާސްވީ އޭނައަށް ނުރައްކާވާނެކަމެވެ. ހާސްކަމާއި ނުތަވަސްކަން ސުލެއިމާން ދެނެގަތެވެ.

"ކަންބޮޑުނުވޭ ކަމަނާ...އެ ލަޝްކަރު ފަހަނަޅާދާންދެން ކޮންމެވެސް ދިމާލެއްގައި ފިލާ ތިބޭނީ.." ސުލެއިމާންގެ އިރުޝާދުގެ ދަށުން އެމީހުން މަގު ހުރަސްކޮށް ފަރުބަދަގަނޑެއްގެ ކައިރީގައި ހިލަތަކުގެ ނިވަލުގައި މަޑުކޮށްލައިފިއެވެ.

"އަހަރެން ފިރިހެނަކަށް ހެދިގެން ދިޔުން އެންމެ ރަގަޅުވާނީ..."

ފިރިހެނުން އެމީހުންގެ ހެދުންތައް ދިނެވެ. ބޮޑުދައިތައާއި ފްލޮރިންޑާ އެހެދުންތައް އަޅައިގެން ތިބުމުން ދުރުން ފެންނަ ބަޔަކަށް ހީކުރެވޭނީ ފިރިހެނުންކަމުގައެވެ. ފްލޮރިންޑާ އެ ލަޝްކަރު ރީތިކޮށް ފެންނާނެހެން ހިލަގަނޑެއްގައިވާ ބާގަނޑެއް ކަހަލަ ތަނަކުން ބަލަން ހުއްޓާ ފުރަތަމަ ފެންނަން ފެށީ ދަމާފައިވާ ފޮތިތަކެވެ. ލަޝްކަރުގެ ސިފައިން ތިބީ ކުލަގަދަ ޔުނިފޯމްތަކާއި ޝީލްޑްތަކުގައެވެ. މެދުތެރެއިން އަނެއްކާވެސް ފޮތިގަނޑުތައް ފެންނާންފެށިއެވެ. އެފޮތިތައް ހިފަހައްޓައިގެން ތިބީ ޖަވާހިރުން ފަޅުފިލުވާފައިވާ ޔުނިފޯމްތަކުގައި ތިބި ބަޔެކެވެ. އެހިސާބުން ޚާއްސަ އަސްގާޑިޔާތަކެއް ފެނުނެވެ. ވިދުން އިންތިހާއަށް ގަދައެވެ. ރަސްގެފާނު ވާނީ އެތަނުގައިކަން އޭނަގެ ޟަމީރު ބުނެލިއެވެ. މާގިނައިރުތަކެއްނުވެ އެ ލަޝްކަރު އެމީހުންނާއި އަރާ ހަމަވިއެވެ. ފްލޮރިންޑާގެ މުޅި ހަށިގަނޑު ފިނިވުމާއެކު އޭނަ އަތުން ސަލީބުގެ ނިޝާން މޭމަތީގައި ހިންގައިލިއެވެ. ހުރިހާ ހިތްވަރެއް ލާފައި އޭނަ ހަށިގަނޑު ސަމާލުކޮށްލައިފާ ނިއުޅެމުންދާ މަންޒަރަށް ބަލަންފެށިއެވެ. ބެރުތަކުގެ އަޑުގަދަވިއެވެ. ދިދަ ތައް ވަޔާ ތަޅުވާ އަޑާއި އަސްތަކުގެ ގޮވުމުގެ އަޑު އަދި ގާޑިޔާތަކުގެ ފުރޮޅުގެ އަޑު އެހިސާބުގައި އެކުވެލައިފިއެވެ. ރަސްގެފާނު އިނީ ދެއަސް ދޭތެރޭ ތައްޔާރުކޮށްފައިވާ ތަޚުތެއްފަދަ ތަނެއްގައެވެ. ރަންމުތާއި ޖަވާހިރުން އަތްކަން އަޅާފައިވާ ސަދުވާއެއް ބޯމަތިން ދަމާލާފައިވަނީ އިރުގެ އަލިން ހިމާޔަތްކޮށް ދިނުމަށެވެ. އަދި ބޮޑު ސަލީބެއް އެދިމާލުން ނަގާފައިވާތަން ފެނުނެވެ. އޭނަގެ ބޮލުގައި ވާ ތާޖުގައި އެކި ވައްތަރުގެ އަގުބޮޑު ޖަވާހިރުތަކުން ޖަރީކޮށް އަދި ޔުނިފޯމްގައި ބެލްޓެއްހެން އަޅާފައިވާ ފިޔާތޮށިކުލައިގެ ފޮތިގަނޑުވެސް އަތްކަން އަޅާފައެވެ. ލުދްރީކް އޭނަގެ ވަށައިގެން ކަޅި އުކަމުން ދިޔައިރު ލަޝްކަރުގެ ގިނަކަން ފެނި ހިތްހަމަޖެހި ބޮޑާވެފައިވާކަން މޫނުމަތިން ފެނުނެވެ. ފާދިރީ މާޓިން އޭނައާއި ގާތުގައި އިށީދެލައިގެން އިންއިރު އަތުން އެކި ހަރަކާތްކޮށް ކޮންމެވެސް ވާހަކައެއްގައި އިނެވެ.

ފްލޮރިންޑާއަށް ކުރެވުނު އިހުސާސްތައް އެވަގުތު ބުނެދިނުމުގެ މާނައެއްވެސް ނެތެވެ. ސުލެއިމާނަށް އެވަގުތު އެކުއްޖާގެ މޫނުގެ ކުލަ ބަދަލުވީވަރު ފެނުނެވެ.

"ވީއިރު ކަމަނާ....." ސުލެއިމާން އެހެން ދިމާލަކަށް ފްލޮރިންޑާގެ ޚިޔާލު އަނބުރައިލަން މަސައްކަތްކުރިއެވެ. "މި ލަޝްކަރުގެ އަދަދާއިމެދު ދެކެނީ ކިހިނެއް"

"އަހަންނަށް ނޭގޭ. އެކަމަކު ޔަގީންވަނީ މި ލަޝްކަރު ބޮޑުކަން. އަރަބިންގެ ލަޝްކަރު މިއަށްވުރެ ބޮޑުވާނެތަ؟" ފްލޮރިންޑާ އެހިއެވެ.

"މި ލަޝްކަރު ގެ ފަސްބައިކުޅަ އެއްބައިވަރުވާނީ. މިއީ އަދި ލުދްރީކްގެ ލަޝްކަރު އަރަބިންނާއި ބައްދަލުކުރާއިރު މިމީހުންނާއި ގުޅޭނެ އަދަދު ނުލާ މިބުނީ. ޚާއްސަކޮށް ޝާހްޒާދާ އަލްފަންސޫގެ ލަޝްކަރު. އޭނަގެ ހަގުރާމަވެރިންވެސް އަދި މި ލަޝްކަރާއި ގުޅޭނެ...."

"އެހެންވީމަ އަރަބިންގެ ލަޝްކަރު ބަލިކަށިވެފައި ނުރައްކަލަށް ހުށަހެޅިފައި؟ " ފްލޮރިންޑާ ސުވާލުކުރިއެވެ.

"އެމީހުން ހަގީގަތުގައިވެސް ބަލިކަށިނަމަ މި ގައުމަށް އަރައިގަނެވޭނެ ކަމަކަށް ނުފެނޭ. ބާރު ބިނާވެގެންވަނީ ހަމައެކަނި ނަމްބަރަކަށްނޫން. ވަރުގަދަކަމަށްވެސް ބަލަން ޖެހޭ. ކަމަނާ. އަރަބިންގެ ލަޝްކަރުގައި އެންމެ ބާރަހާސް ހަގުރާމަވެރިން ތިބިއިރުވެސް އެމީހުން ނުހުއްޓުވުނު.."

"އެކަމަކު އަދި މިހާބޮޑު ލަޝްކަރަކާއި އެމީހުން ކުރިމަތިލާކަށް ނުޖެހޭހެން ހީވަނީ...." ފްލޮރިންޑާ ބުނެލިއެވެ.

"ތިއީ ތެދެއް. އެކަމަކު އެމީހުންގެ ހިތްވަރުގަދަކަމާއި އެއްބައިވަންތަކަން އަދި ކެތްތެރިކަމުން ބިރުގަންނަން ޖެހޭނެ ކަމެއްނެތް. އެހެންނޫނަސް ނަސްރަކީ މާތް ރަސްކަލާނގެ ދެއްވާ އެއްޗެއް އަދި އެފަރާތުން އިރާދަކުރައްވާ ފަރާތަކަށް ދެއްވާނެ." ސުލައިމާން ދެންނެވިއެވެ. އެދެމީހުން ވާހަކަދައްކަން ތިއްބާ ލަޝްކަރުގެ އެހެންމީހުން ދަމުންގޮސް އެހިސާބު ފަހަނަޅާ ދަތުރުކޮށްލައިފިއެވެ. ސުލައިމާން އެކަނި ދަތުރުކޮށްފައި ދިޔައީ އަރަބީންގެ ކޭމްޕްކޮށްފައި ހުރި ސަރަހައްދު ދެކެލުމަށާއި ޚަބަރު އޮޅުން ފިލުވައިލުމަށެވެ. އޭނަ އެނބުރިއައިސް ފްލޮރިންޑާ ކައިރީ ދެންނެވީ އަރަބިންގެ ލަޝްކަރު ޖެރެޒް ޝަހަރާއި ގާތުގައިވާ ގުއާޑްލެޓް ވާދީގައި ވާކަމުގައެވެ.

" އާލްފްމެން ކޭމްޕްކުރި ތަނެއް އެނގޭތަ؟ "

"އޭނަވެސް ކައިރީގައިވަނީ..." ސުލެއިމާން ދެންނެވިއެވެ.

"ކިހިނެއް ދެން ހަދަންވީ؟ " ފްލޮރިންޑާ ސުލެއިމާންގެ ލަފާއަކަށް އެދުނެވެ.

"ކަމަނާގެ ބައްޕަ ކައުންޓް ޖޫލިއަންގެ ކައިރިއަށް ދާން ބޭނުމިއްޔާ މިހާރުވެސް ގެންދެވިދާނެ......"

ފްލޮރިންޑާގެ ޚިޔާލު ދެފަރާތަށް ކިރެމުން ދިޔައެވެ. އޭނައަށް އާލްފްގެ ޚަބަރު ބަލައިނުލާ އޭނައާއި ބައްދަލުނުކޮށް އަރަބިންގެ ކޭމްޕަށް ދަތުރުކުރެވޭނެ ހެއްޔެވެ؟ އިރުގަނޑެއްވާންދެން އޭނަ ހިމޭނުން އިނެވެ. އެކަމުގެ ސަބަބުން ސުލެއިމާން މިފަހަރުވެސް ދެނެގަތެވެ.

"ހީވާގޮތުން އަލްފްގެ ޚަބަރު ބަލައިލަން ފުރަތަމަ ދާން ބޭނުމީ. މި ދެންނެވުނީ ރަގަޅަށްތަ؟ "

"ލައްބަ..." ފްލޮރިންޑާ ބުނެލިއެވެ.

ޖެރެޒް މޭބިސްކަދުރު ދަނޑެއްގެ ވެރިޔަކު ދަންނަން. އެތަނުގެ ފަރުބަދައެއްގެ މަތީގައި ހުންނަ އިމާރާތަކަށް އެރީމަ މުޅި ޖެރެޒް ޝަހަރު އެއްކޮށް ފެންނާން އޮވޭ. ބޮޑުދައިތައާއި ޚާދިމުންނާއެކު އެތާ މަޑުކޮށްލަންވީނު. އަލްފަންސޫގެ ޚަބަރު އޮޅުން ފިލުވަން މަސައްކަތްކުރާނަން ނުވިއްޔާ ކަމަނާގެ ބައްޕަގެ ލަފާ ހޯދާނީ....." ސުލެއިމާންގެ ލަފާގެ މަތިން އެމީހުން ދަތުރުކުރަމުންގޮސް ޖެރެޒްގެ ރަށްބޭރާއި ހަމަޔަށް ފޯރިއެވެ. މުޅި އެސަރަހައްދު އޮތީ މޭބިސްކަދުރު ދަނޑުތަކުން ފުރައިލާފައެވެ. އެތަނުން އެއް ދަނޑުގެ ވެރިޔަކީ ޝޭޚުއެވެ. ބުތުރަސްއާއި މާރިއާގެ ބައްޕައެވެ. އެމީހުން މައްޗަށް އަރާ މޭބިސްކަދުރު ދަނޑަށް ވަނެވެ. އެހިސާބުން އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ސުލެއިމާންގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. އޭނަ މިހެން ދަތުރުކުރާއިރު ޝޭޚު ނޫނީ ދަރިއެއް ނޫނީ ކާފަދަރިއަކު މަސައްކަތުގައި ނޫނީ ކުޅެން ހަރަކާތްތެރިވާ ތަން ނުފެންނައިރެއް ގޮސްފައެއްނުވެއެވެ.

"އާދަތަކާއި ޚިލާފު ކޮންމެވެސް ކަމެއް އެބައުޅޭ.." އޭނައަށް އަމިއްލަ ނަފުސަށް ބުނެވުނެވެ. މޭބިސްކަދުރުދަނޑުގެ އެންމެ އެކޮޅުގައި ހަދާފައިވާ ތަނަށް ދާން ހިނގައިގަތްތަނާ ކޮންމެވެސް އަޑެއް އިވުނެވެ. އެތަނުގެ ތެރެއަށް ވަދެފައި ބަލައިލިއިރު ޝޭޚާއި އޭނަގެ މުޅި އާއިލާ އެތަނުގައި އެއްވެފައި އޮތެވެ. އެންމެންވެސް ކަމަކާއި ހާސްވެ ކަންބޮޑުވެފައެވެ. ސުލެއިމާން ފެނުމުން އެމީހުންގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ. ބުތުރަސް ފުންމައިގެން ތެދުވެއްޖެއެވެ.

"ކޮންކަމެއް ބޭނުންވަނީ؟ "ކާކުކަން ނޭގި ބާރަށް އެހުމާއެކު އެއީ ކާކުކަން ދެނެގަންނަން ނެގީ ސިކުންތުކޮޅެކެވެ. ވަގުތުން ރާގު ބަދަލުވެ މަޑުމައިތިރިކަމެއް ވެރިވިއެވެ. " މަރުހަބާ ވިޔަފާރިވެރިޔާ ސުލެއިމާން..."

ސުލެއިމާންގެ ނަން އިވުމުން ޝޭޚާއި މުޅި އާއިލާވެސް ތެދުވެ އޭނައަށް މަރުހަބާ ކީއިރު މޫނުމަތިން އުފާވެރިކަން ފައުޅުވެގެން ދިޔައެވެ. މޭބިސްކަދުރު މޫސުމްގައި ޖެރެޒްއަށް ޒިޔާރަތްކޮށް ވިޔަފާރިކުރުމުގެ ސަބަބުން އާއިލާގެ ބައެއް މެމްބަރުންނާއި ބައްދަލުވެފައިވާއިރު އެންމެނަށްވެސް ދަންނަ މަޝްހޫރު ނަމަކަށް އޭނަގެ ނަން ވެފައިވިއެވެ. އެމީހުންނަށް އޭނަކަން އެނގުމުން ބިރު ކޮންމެވެސް ވަރަކަށް ކެނޑިއްޖެއެވެ. އެންމެން ބޮނޑިވެގެން މިތާގައި ތިބީ ކީއްވެތޯ އޭނަ ސުވާލުކުރިއެވެ.

"ކަލޭގެފާނަށް އަހަރެމެން މި ހޭދަކުރި ދުވަސްތަކުގެ ބިރުވެރިކަމެއް އޮޅުމެއް ނުފިލާނެ...." ޝޭޚު ޖަވާބުދިނެވެ.

" ތިޔަބުނީ އަރަބިން އަރައިގަނެގެން އުޅޭ ވާހަކަހެން ހީވޭ...." ސުލައިމާން ބުނެލިއެވެ.

"ތިއީ ތެދެއް. މި ހަގުރާމަ ނިމުމުން އަހަރެމެންނަށް ވެދާނެގޮތެއް ބުނާކަށް ނޭގޭ. އިއްޔެ އަހަރެމެންނަށް ފެނުނީ އަރަބިންގެ ކުރިމަތީގައި ރަސްގެފާނުގެ ލަޝްކަރު ކޭމްޕްކުރި މަންޒަރު. ވަރަށް އަވަހަށް ހަގުރާމައިގެ މައިދާން ހުޅުވިދާނެ. އަހަރެމެންގެ ޅަދަރިން ތިއްބާ އެހާ ފަސޭހައިން ތަން ދޫކޮށްލާފައި ދެވޭކަށް ނެތް. އަދި އަހަރެމެންގެ ދަނޑުތައް ދޫކޮށްލެވެންވެސް ނެތް."ޝޭޚު ވާހަކަދެއްކިއިރު ދަރިންދެކެ ވާ ލޯބީގެ ސަބަބުން ޖަޒުބާތީވެވި ލޮލުން ކަރުނަ ހިލިއްޖެއެވެ.

"ކަންބޮޑުނުވޭ މަގޭ ލޯބިވާ އެކުވެރިޔާ." ސުލައިމާން ހިނިތުންވުމާއެކު ޖަވާބުދިނެވެ. " އަހަރެން ތިޔަ އެކުވެރިޔާއާއި އާއިލާ ހުރިހާ ގެއްލުމަކުން ސަލާމަތްކޮށްދޭންކަމަށް ވައުދުވަން. މިއަދު އަހަރެންނާއެކު ދަތުރުކޮށްފައި އައި މެހުމާނުންތަކެއް ތިޔަ ފަރާތާއެކު ނިދުމުގެ އިންތިޒާމް ހަމަޖެއްސުން ކޮންމެހެންވެސް މުހިއްމުކަމަކަށްވާތީ އެކަން ހަމަޖައްސައިދިނން އެދެން. އެމީހުންނަށްޓަކާ އިތުރު ކޮޓަރިއެއް މިތަނުގައި ހުރެދާނެތަ؟ "

"އެންމެނަށް މަރުހަބާ.." ޝޭޚު އިޝާރާތްކޮށްލީ ފަރުބަދަމަތީގައި ހުރި އިމާރާތަށެވެ.

"އެތަނުގައި އެމީހުންނަށް ތިބެވިދާނެ.."

ޝޭޚު އޭނަގެ ދަރިންނާއެކު ފްލޮރިންޑާމެން ތިބި ހިސާބަށް ދަތުރުކޮށް އަސްތަކުގެ ލަގަނުގައި ހިފައިގެން އިމާރާތާއި ދިމާލަށް ދަތުރުކުރާންފެށިއެވެ. އޭގެ ކުރިން ބައެއް ދަރިންތައް އެތަން ސާފުކޮށް ތަންމަތި އަޅާ ހަދައިފިއެވެ. ފްލޮރިންޑާއާއި ބޮޑުދައިތަ ސިޑިން އަރަންފެށިއިރު ދެމީހުންވެސް ތިބީ ފިރިހެނުންގެ ހެދުމުގައެވެ. އެދެމީހުންގެ ފަހަތުން ދެ ޚާދިމުންވެސް އައެވެ. އެންމެ ފަހަތުން ސުލެއިމާންއެވެ. ޝޭޚުގެ ދަރިން ސިޑިބަރި ތިރީގައި ބައްޕަގެ އަމުރެއްގެ އިންތިޒާރުގައި ތިބިތަން ފެނުނެވެ. ސުލެއިމާން އެމީހުންނަށް ރަންދީނާރު ތަކެއް ދީފައި އެދުނީ ކާނެ އެއްޗެއް ގެނެސްދިނުމަށެވެ. އެހާވަރުގެ ދީލަތިކަމެއް ފެނުމުން އެމީހުންވެސް އަވަސްވެގަތީ ސުލެއިމާންމެންނަށް ޚިދުމަތްކުރުމަށެވެ.

ފްލޮރިންޑާ ފަތްތަރުތަކުން އަރާފައި ކުޑަދޮރަކުން ބޭރަށް ބަލައިލުމުން މޭބިސްކަދުރު ދަނޑުތަކުގެ ތިރީގެ މަންޒަރުތައް ކޮންމެވެސް ވަރަކަށް ފެންނާން އޮތެވެ. އިރުމަތިން ލޮލުކޮޅަށް ދާންދެން އޮބާލާފައިވާ ބިމުގެ ތެރެއިން ދެމިފައިވާ ކޯރުގެ އައްސޭރިފަށް ވިނަތަކާއި ގަސްތަކުން ފެހިކޮށްލާފައެވެ. އެ ބިމުގެ އަނެއް ފަރާތުން އޭނަ ކުރިން ނުދެކޭފަދަ ތަފާތު ވައްތަރެއްގެ ފޭލިގެތަކެއް ފެންނާން ހުއްޓެވެ. ފޭލިގެތަކުގެ މެދުގައި ރަތްކުލައިގެ ބޮޑު ފޭލިގެއަކާއި ކުރިމަތީގައި ޖަހާފައިވާ ފޭލިގެވެސް ލޮލުގައި އަޅައިގަތެވެ. އެހެން ފޭލިގެތަކުގެ ކުރިމަތީގައި ހުރި ދިދަތައް ތަންކޮޅެއް ކުޑައެވެ. ފޭލިގެތަކުގެ ފަހަތުން ފެންނަން ހުރި އަސްތަކާއި ޖަމަލުތައް ނުދެކޭތާ ޒަމާންތަކެއް ފާއިތުވެއްޖެއެވެ. މިއީ އަރަބިންގެ ފޭލިގެ ކަމާއިމެދު ޝައްކެއްނެތެވެ. ފްލޮރިންޑާއަށް އޭނަގެ ބައްޕަ ގާތުގައިވާ ކަމުގެ އިހުސާސްކުރެވުނެވެ.

"އެއީ އަރަބިންގެ ކޭމްޕެއް ނޫންތަ؟ " ސުލެއިމާން މައްޗަށް އެރުމާއެކު ފްލޮރިންޑާ ސުވާލުކޮށްލިއެވެ.

"މެދުގައި އެވާ ފޭލިގެއަކީ އަރަބިންގެ ކޮމާންޑަރ ތާރިގް ބިން ޒިޔާދުގެ ފޭލިގެ. އަހަރެންގެ ސާހިބާ އަދި ކަމަނާގެ ބައްޕަ ކައުންޓް ޖޫލިއަންވެސް އެތާގައިވީ...."

އެ ބިމުގެ ވައަތްފަޅިން ސްޕެއިންގެ ލަޝްކަރުގެ ފޭލިގެތައް ފެނުނުއިރު ލުދްރީކްގެ ފޭލިގެ ދެނެގަންނަން އުދަގުލެއްނުވިއެވެ. އެފޭލިގޭގައި ދަމާފައިވާ ފޮތިތަކާއި ވިހުރެމުންދާ ދިދަތަކާއިއެކު ފާރަވެރިން އެހާ ގިނައެވެ. އެތަނުގައި އާލްފްގެ ފޭލިގެވެސް ހުންނާނެކަން އެނގުމުން ފްލޮރިންޑާއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ.

"އެހެރީ ރަސްގެފާނުގެ ފޭލިގެ ދޯ.." ފްލޮރިންޑާ އެހިއެވެ.

"އަހަންނަށް އެނގޭ ކަމަނާ އާލްފް ހުރި ފޭލިގެ އޮޅުން ފިލުވަން ބޭނުންވާހެން. އެކަން ޔަގީންކުރެވޭނީ އެތަނަށްގޮސް އޮޅުން ފިލުވީމަ. ކަމަނާގެ ބައްޕަގެ ދީލަތިކަމާއި އޯގާތެރިކަމުން އެތަނަށްގޮސް ވާހަކަދައްކާލާ ކަންތައް އޮޅުން ފިލުވިދާނެކަމުގައި ފެނޭ...."

ފްލޮރިންޑާ ސުލެއިމާނަށް ޝުކުރު އަދާކުރިއެވެ.

"ކޮންއިރަކުން ދާނީ؟ " ފްލޮރިންޑާ އެހިއެވެ.

"ވީހާވެސް އަވަހަށް.."ސުލެއިމާން ބުނެލިއެވެ." ކަމަނާމެންނަށް ކެއުމުގެ އިންތިޒާމް ހަމަޖައްސައިފިން. ކަމަނާއަށް ބޮޑުދައިތައާއި އެ ޒުވާން ވަރުހުރި އިތުބާރުކުރެވޭ ދެ ޚާދިމުންނާއެކު ރައްކާތެރިކަން ލިބޭނެ...."

"ކޮންއިރަކުން އެނބުރި އަންނާނީ؟ "

"އެހެން ޔަގީންކޮށް ބުނާކަށް ނޭގޭ. އެކަމަކު ވީހާވެސް އަވަހަށް އަންނަން މަސައްކަތްކުރާނަން..."

ސުލެއިމާން ފްލޮރިންޑާމެންނަށް ކެއުމާއި ނިދުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު އަލްވަދާއުގެ ސަލާމް ކުރުމަށްފަހު ފަރުބަދައިގެ ތިރިއަށް ދާން ދަތުރުފެށިއިރު އިރުއޮއްސި އަނިދިރިކަން ކައުނު ވަށާލައިފިއެވެ. ސުލެއިމާން ކިތަންމެފަހަރަކު ސްޕެއިންގެ އަހުލުވެރިންނާއި މުއާމަލާތުކޮށްފައިވިއެވެ. އެމީހުންގެ ބަހާއިއެކު ގޫތުބަހުން ފަރިތަކަމާއެކު ވާހަކަދައްކައިލެވެއެވެ. އެދެބަހުން ކުރެ ބަހަކުން ވާހަކަ ދެއްކިކަމުގައި ވިޔަސް އެމީހުންނަށް ހީކުރެވޭނީ އެ ޖަމައާތަށް ނިސްބަތްވާ މީހެއްކަމުގައެވެ. އޭގެ އިތުރުން ބަރުބަރު އަދި އަރަބިބަހަށްވެސް އޭނަ ފަރިތައެވެ. އާލްފްއާއި ޔައުގޫބު އަސްތިގީގައި އޮތް ޔަހޫދީންގެ ބައްދަލުވުމެއްގައި ހުއްޓާ ޚަބަރާއިގެން އައި މީހަކީވެސް ސުލެއިމާންއެވެ.

ސުލެއިމާން ސްޕެއިންގެ ކޭމްޕްގެ ފަހަތުން ގޮސް އެތަނާއި އަރާހަމަވީ އެހެން މީހުންނަށް ޝައްކުނުވާފަދަ ގޮތަކަށެވެ. ކައިރި އަވަށަކުން ނޫނީ ޝަހަރަކުން އައި މީހެއްކަމަށް ހީކުރެވޭފަދަ ގޮތަކަށް އޭނަ އެހިސާބުގައި ފާރަލައިހެދީ އާލްފް ފެނިދާނެކަމަށެވެ. އެކަމަކު އޭނަގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެންމެފަހުން މީހުން ކުރެން އޮޅުން ފިލުވައިގެން ލުދްރީކް އުޅޭ ހިސާބު ހޯދައިގެން މަސައްކަތްކުރީ ޔައުގޫބު ފެނިލާތޯއެވެ. އެއްވެސް މީހަކު ޖަދަލުކޮށްފިއްޔާ އޭނައަކީ ދަތުރުވެރިއެއް ކަމަށާއި އެހިސާބު ހުރަސްކޮށް ދަނީކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ހަގުރާމަވެރިން ހަމަލާއަށް ތައްޔާރުވަމުންދާތީ އޭނަ އެހިސާބުގައި އުޅުނުއިރު ފެނުނުކަމަކަށް ނުވިއެވެ. އޭނަ އާލްފްގެ ފޭލިގެ ހޯދާ އެހިސާބަށް ފޯރިއިރު ފޯރިމަރަން ހަގުރާމަވެރިން ތިބިތަން ފެނުނެވެ. އޭނަ ފޭލިގޭގެ ފަހަތަށްގޮސް ތަފާތު ގޮތަކަށް ކެއްސައިލުމުން އެތެރެއިން އެފަދަ ގޮތަކަށް ޖަވާބު އައުމުން ޔައުގޫބު ފޭލިގޭގައި ވިކަން ޔަގީންވިއެވެ. އަދި ޔައުގޫބުއަށް ފޭލިގޭގެ ބޭރުގައި ހުރީ ސުލެއިމާންކަން ޔަގީންވާނެއެވެ.

ޔައުގޫބު ބޭރަށް ނުކުމެ ސަލާމްކޮށްލިއެވެ.

"ވީއިރު އަދިވެސް ޔައުގޫބު މިތާގައި މި މީހުންނާއެކު. އަދިވެސް އޭނައަށް މަޖުބޫރު ނުކުރެވޭތަ؟ " ސުލެއިމާން އެހިއެވެ.

"އަހަރެންނަށް އޭނައަށް ވިސްނާދެވުނީސް އޮޕާސްގެ ސިޓީ ނުލިބުނުނަމަ....." ޔައުގޫބު ބުނެލިއެވެ.

"އޮޕާސްއޭ ތިބުނީ ކާކަށް؟ "

"އަލްފަންސޫގެ ބޮޑުބޭބެ....."

"އެކަމަކު ޔައުގޫބު މި އަނިޔާވެރި ރަސްކަން ނައްތައިލަން އުޅުނީ އަލްފަންސޫ މެދުވެރިކޮށެއް ނޫންތަ؟ " ސުލެއިމާން ސުވާލުކުރިއެވެ.

"ތިބުނީ ތެދެއް. އަހަރެމެންގެ ރޭވުން ކިޔާދިނީމެއްނު. އެދުވަހު އެ ފޮށީގައި ހުރި ރަނުގެ ދީނާރުތައް އަލްފަންސޫއަށް ދެއްކިއެއްނޫންތަ؟ " ޔައުގޫބު ހަދާންކޮށްދިނެވެ.

"އާނ.އަލްފަންސޫ އެކަމުގެ ތެރެއަށް އެހާ ބޮޑަށް ވަދެވިފައި ހުރެފައި މިވީ ކިހިނެއްތަ؟ " ސުލެއިމާން އެހިއެވެ.

" އެފަހަރު ބައްދަލުވުން ނިމުނުއިރު އަލްފަންސޫއަށް އަހަރެމެންގެ ރޭވުން ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބުނު. އަހަރެން އޭނަގެ ސިކުނޑިއަށް އެކަން ވައްދާދިނިން. އަހަރެން އޭނައަށް ވިސްނައިދިނިން. އަރަބިން މި ގައުމު ފަތަހަކުރުމަށްފަހު އަލުން ތަޚުތު އަނބުރާ ހައްގުވެރިޔާއަށް ދީ އަލްފަންސޫގެ ހުރިހާ މުދަލަކާއި ބިމެއް އޭނައަށް އެމީހުން ދޭނެކަމުގެ ޔަގީންކަން ދިނިން. އޭނަގެ ލަނޑުދަނޑިއާއި ހިތުގެ މުރާދު ހާސިލުވާން އޮތީ ރަސްގެފާނު ލުދްރީކް ބަލިކޮށްގެން. އަދި ލުދްރީކްއަށް ކާމިޔާބުވެއްޖެއްޔާ އޭނައާއި ބޮޑުބޭބެ އަދި މުޅި އާއިލާއަށް ލިބިގެންދާނެ ނިކަމެތިކަން ހިތަކަށް ނުގެނެވޭ. އަހަރެން އަލްފަންސޫއަށް ވިސްނައިދިނިން. އަހަރެމެން އޮތީ ހަދަންވީގޮތް ރާވާފައި. ހަގުރާމައިގެ އެންމެ އުކުޅަކުން ލުދްރީކް ބަލިވުން. އަލްފަންސޫއަށް އެކަން ކުރެވެން އޮތީ. ހަމައެކަނި އޭނައަށް. އެކަން އޭނަ ސީރިޔަސްކޮށް ނަގަން ޖެހެނީ. ހަގުރާމައިގެ ފުރަތަމަ ދުވަހު އޭނައާއި އޭނަގެ ލަޝްކަރު އަރަބިންނާއި ގުޅެންޖެހެނީ. އަލްފަންސޫ އެ ރޭވުމަށް އެއްބަސްވެ އެގޮތަށް އަމަލުކުރަން ހުރީ........" ޔައުގޫބު ކިޔައިދިނެވެ.

"ދެން ކިހިނެއްވީ؟ " ސުލައިމާން ޝައުގުވެރިވިއެވެ.

ޔައުގޫބު އޭނަގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު ނެގި އެއްޗެއް ސުލެއިމާންގެ އަތަށް ފޯރުކޮށްލިއެވެ.

ނުނިމޭ

comment ކޮމެންޓް