ޝެލް ކުންފުނިން ޖައްވަށް ކާބަން ބޭރު ކުރާ މިންވަރު މަދު ކުރަން ކޯޓުން އަންގައިފި

ޝެލް ކުންފުނިން ޖައްވަށް ކާބަން ބޭރު ކުރާ މިންވަރު މަދު ކުރަން ޖެހޭ ކަމަށް ނެދަލޭންޑްސްގެ ކޯޓަކުން ވަނީ އަންގާފަ -- ފޮޓޯ: ބްލޫމްބާގް

އެމްސްޓާޑަމް (މެއި 27): ތެޔޮ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރޯޔަލް ޑަޗް ޝެލްއިން ޖައްވަށް ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު މަދު ކުރަން ނެދަލޭންޑްސްގެ ކޯޓަކުން އަމުރުކޮށްފި އެވެ.

ދަ ހޭގްގެ ޑިސްޓްރިކްޓު ކޯޓަކުން އިއްޔެ ނެރުނު އަމުރެއްގައި ވަނީ 2019އާ އަޅާ ބަލާ އިރު، ޝެލްއިން ކާބަން ބޭރު ކުރާ މިންވަރު 2030 އަންނަންވާ އިރަށް 45 ޕަސެންޓު މަދު ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި އެ ކުންފުނީގެ އޮޕަރޭޝަންތަކުންނާއި އެ ކުންފުނިން ވިއްކާ އުފެއްދުންތަކުން ބޭރުވާ ކާބަން ވެސް ހިމެނޭނެ ކަމަށެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅި ފްރެންޑްސް އޮފް ދަ އާތު (އެފްއޯއީ)އިން ބުނި ގޮތުގައި އެއީ ޕެރިސް ކްލައިމެޓް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ކޯޓަކުން ކުންފުންޏަކަށް އެންގި ފުރަތަމަ ފަހަރެވެ. އަދި އެ އަމުރު ހިނގާނީ ހަމައެކަނި ނެދަލޭންޑްސްގައި ކަމަށްވީ ނަމަވެސް އެފަދަ މައްސަލަތަކަށް ދެން މިސާލެއްގެ ގޮތުގައި ބެލޭނެ ނިންމުމެއް ނުވަތަ ޕްރިސީޑެންޓެއް މިހާރު ގާއިމު ކުރެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެ އަމުރާ ގުޅިގެން ޝެލްގެ ތަރުޖަމާނަކު ވަނީ ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ހެދި ވީހާވެސް އަވަހަށް ފިޔަވަޅު އަޅަން ޖެހޭކަން އެ ކުންފުނިން ގަބޫލުކޮށް، 2050 އަންނަންވާ އިރަށް ޝެލް އަކީ ނެޓް-ޒީރޯ ކުންފުންޏަކަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެފްއޯއީގެ ޑިރެކްޓަރު ޑޮނަލްޑް ޕޮލްސް ވަނީ ކޯޓުގެ ނިންމުމާ މެދު އުފާ ފާޅުކޮށް އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"މިއީ ވަރަށް ރަނގަޅު ހަބަރެއް އަދި ދުނިޔެއަށާއި އަޅުގަނޑުމެންގެ ދަރިންނަށާއި އަޅުގަނޑުމެން އެންމެންނަށް ވަރަށް ބޮޑު ކާމިޔާބީއެއް. ޝެލްގެ ސަބަބުން މޫސުމަށް ނުރައްކާތެރި ބަދަލުތައް އަންނަ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ފަނޑިޔާރު ވަނީ ވިދާޅުވެފަ،" ޕޮލްސް ބުންޏެވެ.

ގާތްގަނޑަކަށް 200 ގައުމަކުން ސޮއިކޮށްފައިވާ ޕެރިސް މުއާހަދާ އެކުލަވާލީ 2015 ވަނަ އަހަރެވެ. އެ މުއާހަދާގެ ދަށުން ގައުމުތަކުން ވަނީ ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސްތަކުގެ މިންވަރު މަދު ކުރުމަށް އެއްބަސްވެފަ އެވެ. އަދި އެ މުއާހަދާގައި ވަނީ ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅައިބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ކަނޑައަޅާފަ އެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ވެސް ޕެރިސް މުއާހަދާއާ އެއްގޮތަށް އަމަލު ކުރުމަށް މަޖުބޫރު ކުރުމުގެ ގޮތުން، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދަނީ އެ ކުންފުނިތައް ކޯޓަށް ގެންދަމުންނެވެ.

comment ކޮމެންޓް