އިންޑިއާ ފަދަ ބާރު ގަދަ އަދި ނުފޫޒު ގަދަ ގައުމެއްގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރަން ބޭނުން ނޫން ކަމަށާއި "މިއީ އައްޑޫ އަޅުވެތިކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއް" ކަމަށް އައްޑޫ ޑިވޮލަޕްމަންޓް ކޮމެޓީ އިން ބުނެފި އެވެ.
އެ ކޮމެޓީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އަމުދުން އައްޑޫގައި އިންޑިއާ އިން ގާއިމުކުރާ "ޕޮލިސް އެކަޑަމީ" އިމާރާތް ހުންނަ ބިމުގައި އެފަދަ 'އެމްބަސީއެއް' ގާއިމުކުރުމުގައި އައްޑޫގެ ގިނަ ރައްޔިތުން ދެކޮޅު ކަމަށެވެ. އަދި އިންޑިއާ އިން އެފަދަ ނިންމުމެއް ނިންމި އިރު، އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ނުކުރާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހުގެ ނިންމުން އައްޑޫ ރައްޔިތުންނާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އެ ނިިންމުމަށް އަމަލީ ސިފަ އަންނާނީ ދިވެހި ސަރުކާރުން އެއްބަސްވުމުން ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިންޑިއާ އިން އެފަދަ ނިންމުމެއް ނިންމާފައި ވިއަސް، ދިވެހި ސަރުކާރުން އަދި އެކަމަށް ގޮތެއް ނުނިންމާ ކަމަށެވެ. އަދި ވިދާޅުވީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެއްކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެއްކެވޭނެ ކަމަށެވެ. އެހެން ނަމަވެސް "އަޅުގަނޑުމެން އަދި ޑިސިޝަނެއް އެއަކު ނުނަގަން" ކަމަށެވެ.
އިންޑިއާ އެމްބަސީ އިން ބުނީ ދިވެހި ސަރުކާރުގެ ހައިި ކޮމިޝަނެއް ދިއްލީގައި ހުންނަ ކަމަށާއި އަދި ޓްރަވެންޑްރަމުގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުންނަ ކަމަށެވެ. ނަމަވެސް އައްޑޫ ޑޮވެލަޕްމަންޓް ކޮމެޓީގެ މެންބަރަކު ވިދާޅުވީ ޓްރެވިންޑްރަމްގައި ރާއްޖޭގެ އެތައް ހާސް ބަޔަކު އުޅޭ ކަމަށާއި އެއާ ހިލާފަށް އައްޑޫގައި އިންޑިއާގެ މާ ގިނަ ބަޔަކު ނޫޅޭ އިރު، އެ ދެ ތަން އަޅާ ކިޔާފައި އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުންނަން ނުޖެހޭ ކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނީ އައްޑޫ ސިޓީގައި އިންޑިއާ އިން 200 މިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމުން އައްޑޫ އިން އިންޑިއާ އަށްދާން ބޭނުންވާ މީހުންނަށް ސީދާ އެ ސަރަހައްދުން ވިސާ ލިބޭނެ ކަމަށެވެ. އަދި އެ ރީޖަންގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނަށް ވެސް ފަސޭހަތަކެއް ވާނެ ކަމަށެވެ.
އަދި ބުނީ އައްޑޫގައި އިންޑިއާ އިން ގާއިމުކުރާ ޕޮލިސް ޓްރޭނިން ފެސިލިޓީ އަކީ ދިވެހި ސަރުކާރުގެ ތަނެއް ކަމަށާއި ކޮންސިއުލޭޓް އޮފީސް އެތަނުގައި ގާއިމު ކުރުމުގެ ވިސްނުން އިންޑިއާގެ ނެތް ކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރާ ވާހަކަ އިންޑިއާ އިން މި ދައްކަނީ، އިންޑިއާގެ އަތް ރާއްޖޭގެ މައްޗަށް ގަދަ ކުރަން މަަސައްކަތް ކުރާ ކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ. އަދި އެކަމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލާ އެއް ބޭފޫޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އޭނާގެ ފޭސްބްކް އެކައުންޓްގައި ރޭ އާންމު ކުރި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓުތަކާއި އެ މީހުންގެ ސިފައިންނާއި ރާޑަރު ސްޓޭޝަންތަކާއި މިލިޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީން މަރުކަޒާއި އެފެންވަރަށް އުތުރު ތިލަފަޅުގައި ހެދުމަށް އެއްބަސް ވެފައިވާ މަރުކަޒާއި އެމީހުންގެ ކޮންސިއުލޭޓް އޮފީސްތަކާއި ރާއްޖޭގެ އެތައް ސަރަހައްދަކަށް މި ފަތުރާލަނީ ސިޔާސީ ލީޑަރުންގެ ދޫތައް ބަންދު ކުރުމަށް ފަހު ކަމަށެވެ.
"ކޮރަޕްޓް ވެރިން ތަކެއްގެ އަތްދަށުގައި ޤައުމެއް ތާށި ވެއްޖެނަމަ ކޮންމެ ފަދަ ނިކަމެތި ކަމެއްވެސް ތަޙައްމަލު ކުރަން ޖެހިދާނެ؛" އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ.