ކޮވިޑް ކޮންޓްރޯލު ކުރަން އަޅާ ފިޔަވަޅުތަކަށް މަޓީ އިން އެއްބާރުލުން ދޭނެ

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތަކަށް ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެއްބާރުލުން ދޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

މަޓީއިން ނެރުނު ނޫސް ބަޔާނެއްގައި ބުުނީ ކޮވިޑު19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް އެ ޖަމިއްޔާއިން ބަލައިގަންނަ ކަމަށެވެ.

އަދި މި ދަނޑިވަޅަކީ މުޅި މުޖުތަމައު އެކަތިގަނޑަކަށްވެ، މަސައްކަތްކުރަންވީ ވަގުތު ކަމަށް މަޓީ އިން ބުންޏެވެ.

"މި ބަލިމަޑުކަމުގައި ރާއްޖޭގެ ސިއްހީ ހާލަތު ގޯސްވެ، އެތައް ފަރުދުންތަކެއް ނިޔާވަމުންދާކަމީ މި ޖަމިއްޔާއިން ހިތާމަކޮށް، ނުހަނު ކަންބޮޑުވާ ކަމެކެވެ،" މަޓީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ފަރާތްތަކުންވެސް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި އެންމެ އަވަސް ފުރުސަތެއްގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ބަލި އެންމެ ބޮޑަށް ފެތުރެމުންދާ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ މިއަދުން ފެށިގެން ހަރުކަށިކޮށްފަ އެވެ. ބަލި ފެތުރޭތީ މޮނީޓަރިން އަށް ލާފައިވާ ހުރިހާ ރަށެއްގައި ކާފިއު ހިންގަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގުމާއެކު، ހެނދުނު އަށަކުން ހަވީރު ހަތަރަކާ ދެމެދު ހުއްދަ ނެތި ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑުގެ ނަންބަރުތައް އިތުރުވަމުންދާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ މަދުވެފަ އެވެ. އަހަރު ފެށިގެން އޭޕްރީލް އާއި ހަމައަސް ދުވާލެއްގެ މައްޗަށް 3،000 އަށް ވުރެ ގިނަ ފަތުުރުވެރިން އައި ނަމަވެސް އެ އަދަދު މިހާރު އުލެނީ ދުވާލަކު އެވްރެޖުކޮށް 1،200 އާއި 1،500 އާއި ދެމެދު އެވެ. ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާ މާކެޓުން ފަތުރުވެރިން އައުން ވަގުތީގޮތުން މަނާކޮށްފައިވާއިރު، އިނގިރޭސިވިލާތް، އެމެރިކާ ފަދަ ގައުމުތަކުން ވަނީ ރާއްޖެއަކީ މިވަގުތު ރައްކާތެރި ގައުމެއް ނޫންކަމަށް ކަނޑައަޅައިފަ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 58،345 މީހަކު ވަނީ ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މިހާރުވެސް ބައްޔަށް ފަރުވާ ހޯދަމުންދާ 24،033 މީހުން ހިމެނެ އެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ އަކީ 144 އެވެ. 34،159 މީހަކު ވަނީ މިހާތަނަށް ބަލިން ފަސޭހަ ވެފައެވެ.

comment ކޮމެންޓް