އައިއީޑީ ހަދަން އެނގޭ މީހުން ހައްޔަރު ނުކުރެވެނީ ގާނޫނީ މަގެއް ނެތުމުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިއީޑީއެއް ހެދުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކު މުޖުތަމައުގެ ތެރޭގައި އުޅޭ ކަމަށާއި، އެހެން ނަމަވެސް އެމީހުން ބަންދުކޮށްފައި ބޭތިއްބޭނެ މަގެއް ގާނޫނަކުން ނުދައްކާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުކުރުމުން މެމްބަރުން ވަނީ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅުވައި ވަރަށް ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.

އެގޮތުން މުޖުތަމައުގައި ހަރުކަށި ފިކުރުގެ 1400 އެއްހާ މީހުން ދޫވެފައި ތިބި ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވާއިރު، އެފަދަ މީހުން ބަންދު ނުކުރެވެނީ ކީއްވެތޯ ބައެއް މެމްބަރުން ވަނީ ސުވާލުކުރައްވައިފަ އެވެ. އަދި މަޖިލިސް ރިސެސްގައި އޮއްވައި، މިނިސްޓަރު އިމްރާންގެ ވެސް އެދިވަޑައިގަތުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ބޮޑެތި ބާރުތަކެއް ދިން އިރު ވެސް އެކަން ނުވަނީ ކީއްވެތޯ މެމްބަރުން ސުވާލު ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާ އެކު ވެސް، ހަރުކަށި ފިކުރުގެ މީހުން ބަންދުކޮށްފައި ބައިތިއްބަން ގާނޫނީ ހުރަސްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.

"މި ފަހުން ހަމަލާ ހިނގީމަ ވެސް އެތައް ތަނެއްގަ، މަޖިލިސް މެމްބަރުން ހިމެނޭގޮތަށް ތިބޭފުޅުން އަރިހުގައި މިހާރު ވެސް އެބަ ދަންނަވަން، މި މީހުން ބަންދުގައި ބައިތިއްބާކަށް އަދި ބަންދުން ދޫކޮށްލާފަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާކަށް އަދިވެސް ގާނޫނަކުން ޖާގައެއް ނުދޭ. އަޅުގަނޑު މިހާރުވެސް އެކަމަށް ތިބޭފުޅުންގެ އަރިހުން އެދެން ގާނޫނަށް އަދިވެސް އިސްލާހު ގެންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި ފަރާތްތައް މުޖުތަމައު ތެރޭގައި އެބަތިބި ކަމަށާއި، އެއީ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތައް ހައްޔަރުކޮށް އެމީހުން ރީހެބިލިޓޭޓް ވަންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ ކަމަށެވެ.

"އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ މީހުން މުޖުތަމައުގައި އެބަތިބި. މިފަދަ ފަރާތްތައް ދޫވެފައި އެ ތިބެނީ، އެފަދަ ގާބިލުކަމެއް ހުރި ކަމަށް ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ނަމަވެސް، އޭނާ އެފަދަ އަމަލެއް ހިންގާ ކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ސާބިތުކޮށްދެވެން ނެތީތީ. އޭނާއަށް ލިބިދީފައި ހުރި ގާބިލުކަމަކާ ހެދި އޭނާ ބަންދުކުރެވޭނެ މަގެއް ގާނޫނު ދައްކައެއްނުދޭ. މިފަދަ އެތައް މައްސަލަތަކާ ހެދި ދޫވެފައި އެތިބެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް